ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ، މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އީވާގެ މައްސަލަ މަޖިލީހަށް އަލުން ވެއްދީ 50 މެންބަރުންގެ ސޮޔާ އެކު، މިދިޔަ ހޯމަ ދުވަހުގައެވެ. އެ ގަރާރުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ ބަލައިގަނެ، މިދިޔަ ބުރާސްފަތި ދުވަހު މެންބަރުންނަށް ނޯޓިސް ފޮނުވާފައިވާ ކަން، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވައިފައެވެ
އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި އެ ޕާޓީގެ 49 މެންބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެމްޑީޕީން ބުނީ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިހާބުކުރީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހަޅައިގެން އެ ގްރޫޕުގެ މެންބަރުންގެ ވޯޓުން ކަމަށާއި، އީވާ އެ މަގާމަށް އިންތިހާބުކުރީ އެމްޑީޕީން އާންމުންނަށް ވި ވައުދުތައް ފުރިހަމަކޮށްދިނުމަށް ކަމަށާއި، ފުރިހަމަ އިތުބާރާ އެކު ކަމަށެވެ.
ނަމަވެސް އަމިއްލަ އަށް އެދިވަޑައިގެން އީވާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ އާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާ ބޭއްވުމަށް ހުރަސްއަޅުއްވަމުން ގެންދަވާތީ އީވާ އަށް އިތުބާރު ނެތް ކަމަށް، އެމްޑީޕީގެ އެ ގަރާރުގައި ބުންޏެވެ. ހަމަ އެހެންމެ ނަޝީދުގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި ގާނޫނުއަސާސީ އާ ހިލާފުވެފައިވާ ކަމަށް ވެސް ގަރާރުގައި ވެއެވެ.
މަޖިލީހުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.
އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު، މަޖިލީހުގެ ރައީސްކަމުން ނަޝީދު އޭރު ވަކިކުރުމަށް ހުށަހެޅި ގަރާރާ އެކީގައެވެ. ނަމަވެސް ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި ގަރާރުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އެކަމަކު އޭގެ ފަހުން ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު ހުށަހަޅާފައި އޮއްވާ އެންމެ ފަހުން އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.