ސިކުންތަކު 5.1 ކިލޯމީޓަރަށް ދަތުރު ކުރާ އަދި 1400 ކިލޯމީޓަރުގެ ރާސްތާއެއް ލިބިފައިވާ ހައިޕަސޮނިކް މިސައިލް އީރާނުން ދައްކާލައިފިއެވެ.
ދެކޮޅުވެރި އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދެމުން ގެންދާ މިދަނޑިވަޅުގައި އަސްކަރީ ގާބިލުކަން ހުރި މިންވަރު ދައްކާލުމަށް ބޭއްވި އަސްކަރީ ޝޯ އެއްގައި މި އެޑްވާންސް ރޮކެޓްތައް ދައްކާލާފައި ވާ އިރު, އެޑްވާންސް ޑްރޯން އާއި އެނޫންވެސް އާލާތްތައް ދައްކާލާފައި ވެއެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ ވަޑައިގެން އަސްކަރީ ޝޯ އެއްގައި މިތަކެތި ދައްކާލާފައި ވާ އިރު, މިއީ އެމެރިކާގެ ފިއްތުންތަކާއެކު ވެސް އީރާނުގެ އަސްކަރީ ގާބިލުކަން ވަރުގަދަކަން ހާމަކޮށްދޭ ޝޯ އެއް ކަމަށް ތަޖުރިބާކަރުން ބުނެއެވެ.
މި ޝޯ ގައި ޝަހީދުގެ ނަމުން ނަން ދީފައިވާ ޕައިލެޓަކާ ނުލައި ދުއްވޭ ބޯޓެއްވެއް ވަނީ ދައްކާލާފައެވެ. އޭގެ އެހީގައި ކައިރި އަދި މެދު ރާސްތާގެ މަންޒިލްތަކަށް ހަމަލާ ދެވޭނެ ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން މެހްރާންގެ ނަމުން ނަން ދީފައިވާ ތެޔޮ މިސައިލް ފޮނުވާ ނިޒާމެއްވެސް ވަނީ ތައާރަފު ކޮށްފައެވެ. އެ މިސައިލްގައި ތެޔޮ ހުންނާތީ ވެއްޓި ގޮވާއިރު ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވާނެ ކަމަށް ވެސް ބުނެއެވެ.
ފައްތާހް 2 ގެ ނަމުން ނަން ދީފައި ވާ މިސައިލެއް ވެސް އެ ޝޯ ގައި ދައްކާލި އިރު އެއީ އެ މިސައިލް އުދުއްސާލުމާއެކު އޭގެ ޒާތުގައި އަމިއްލަ އަށް އަމާޒަށް ދަތުރު ކޮށް ހަމަލާ ދޭ ގޮތަށް ފަރުމާ ކޮށްފައި ވާ މިސައިލެކެވެ. އޭގެ އަމާޒުފަތްގަނޑަށް ގޮސް އަރާ ގޮވާގޮތަށް ޑިޒައިން ކޮށްފައި ވާ އެ މިސައިލް ސީދާ އިޒްރޭލަށް ފޯރާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
1400 ކިލޯމީޓަރުގެ ރާސްތާ ލިބިފައިވާ މި މިސައިލް ދައްކާލިއިރު އީރާނުން މިހާރު މަސައްކަތް ކުރަނީ އޭގެ ރާސްތާ 2000 ކިލޯމީޓަރަށް މައްޗަށް ޖެއްސުމަށެވެ.
މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ އެންމެ ރުޅި އަންނަ ގައުމަކީ އީރާން ކަމުގައި ވާ އިރު, އެ ދެގައުމުން އީރާން ސިފަ ކުރަނީ 'ނުބައި ހަރުފައެއްގެ' ގޮތުގައެވެ. އަދި މިހާރު އިޒްރޭލުން ހަމާސް އާ ދެކޮޅަށް ފަށާފައި ވާ އުދުވާނުގައި ބައިވެރިވާ ހަމާސް އާއި ލުބުނާނުގެ ހިޒްބުއްލޯ އަށް މަދަދު ދޭ ބަޔަކީވެސް އީރާން ކަމަށް އެ ދެގައުމުން ބުނެއެވެ. އެހެންކަމުން ގާޒާ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ 'ބޯ ކަނޑާލާނެ' ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.