ޖަޕާން ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އޮސްޓްރޭލިއާގެ ޑައިވަރުންތަކަކަށް އަމާޒުކޮށް ޗައިނާގެ މަނަވަރުތަކަކުން ކަނޑުއަޑިއަށް ސޯނާ ޕަލްސް [ސޯނާ ވޭވްސް] ފޮނުވައިގެން އެ ޑައިވަރުންނަށް ގެއްލުން ދީފި ކަމަށް އޮސްޓްރޭލިއާ އިން ބުނެފިއެވެ.
އެގައުމުން އާންމު ކުރި ބަޔާނެއްގައި ބުނީ, އެ ޑައިވަރުން ފޯނީ އެމީހުން ދަތުރު ކުރަމުން ދިޔަ އަސްކަރީ މަނަވަރުގެ ބުރަފަތީގައި ދަލެއް އޮޅުމާއެކު އެ ނައްޓަން ކަމަށާއި އެމީހުން ޑައިވް ކުރަމުން ދަނިކޮށް ޝޮކެއް ލިބި ކުއްލިއަކަށް މައްޗަށް އަރަން ޖެހުނު ކަމަށެވެ. ފީނީ ކިތައް މީހުންކަން ނޭނގުނު ނަމަވެސް އޮސްޓްރޭލިއާގެ އިދާރާތަކުން ބުނެފައި ވަނީ ފީނި މީހުންގެ ތެރެއިން ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބިފައި ވާ ކަމަށެވެ.
އެއާއެކު އޮސްޓްރޭލިއާއިން ވަނީ, ބައިނަލްއަގުވާމީ ހަމަތަކާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ޗައިނާ އަށް ގޮވާލާފައެވެ.
މިހާދިސާ އާ ގުޅިގެން ޗައިނާއިން އަދި އެއްވެއް އެއްޗެއް ބުނެފައި ނުވާ އިރު, ޗައިނާއިން އިންޑޯ ޕެސިފިކްގައި ބާރުގަދަ ކުރަމުން ދާ މައްސަލައިގައި އެމެރިކާގެ އެހީއާއެކު އޮސްޓްރޭލިއާއިން ގެންދަނީ ޗައިނާގެ ބާރު ކަނޑުވާލުމަށް ކަނޑުގެ ބާރު ގަދަކުރަމުންނެވެ. އެގޮތުން އެމެރިކާ އާއި ޖަޕާނާއި, އޮސްޓްރޭލިއާ އަދި އިންޑިއާ ހިމެނޭ ގޮތުން އުފައްދާފައި. އޮންނަ "ކްއަޑް" ގެ ދަށުން އޮސްޓްރޭލިއާ ކަނޑުގައި ނިއުކްލިއާ ސަބްމެރީން އެއް ބޭއްވުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އެމެރިކާއިން އޮސްޓްރޭލިއާގައި ގާއިމު ކޮށްފައި ވާ އަސްކަރީ ބޭސް އިތުރަށް ވަރުގަދަ ކޮށް އެތަނަށް ބޭނުންވާ އެޑްވާންސް ޓެކްނޮލޮޖީ ގެންދިޔުމުގެ މަސައްކަތްވެސް ކުރަމުން އެބަދެއެވެ.
ޗައިނާ ދެކެ ބިރުން ނުވަތަ ޗައިނާގެ ބާރު ގަދަވެދާނެ ކަމަށްޓަކައި އެމެރިކާ ޖެހިލުންވާ ވަރުން ހިންގާ މިފަދަ ކަންކަމާހެދި އެމެރިކާ އާއި ޗައިނާ އަދި ޗައިނާ އާއި އޮސްޓްރޭލިއާވެސް އޮންނަނީ ވާދަވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް މި ވާދަވެރިކަމުގެ ތެރެއިންވެސް ގުޅުން ބަދަހިކޮށް ވިޔަފާރީގެ މުއާމަލާތްތައް ފުޅާ ކުރުމަށްޓަކައި ދާދި ފަހުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބޭނީސް ވަނީ ޗައިނާއަށް ވެސް ވަޑައިގެންފައެވެ. އެބައްދަލުވުމަށް ފަހު އޭނާ ވިދާޅުވީ, ޕެސިފިކްގެ ބާރުތަކާއެކު ވަރަށް ބަދަހި ގުޅުމެއް އުފެދިގެން ހިނގައްޖެ ކަމަށާއި ޗައިނާ އާއެކު އާ ބާބެއް ފެށިގެން ދާނެ ކަމަށެވެ.