ވަޒީފާ ދޭ ފަރާތުން ނުވަތަ ބޮސް ގެ ފަރާތުން، ރަސްމީ މަސައްކަތު ވަގުތުގެ ފަހުން އަންނަ ކޯލުތަައް ކަނޑާލައި އަދި ލިބޭ މެސެޖްތައް ނުބަލާ ދޫކޮށްލުމުގެ އިހުތިޔާރު އޮސްޓްރޭލިއާގައި ގާނޫނަކުން މުވައްޒަފުންނަށް ދީފިއެވެ.

މި އިހުތިޔާރުގެ ދަށުން މުވައްޒަފާއި ބޮސް އާ ދެމެދު ހިޔާލުތަފާތުވުމެއް އުފެދި ނުވަތަ މައްސަލައެއް ޖެހި ހައްލުކުރަން އެދޭނަމަ އޮސްޓްރޭލިއަން ފެއާވޯކް ކޮމިޝަނަށް ދެވޭނެއެވެ. އެ ކޮމިޝަނުން މައްސަލަ ބަލައި، ބޮސްގެ ފަރާތުން މުވައްޒަފަށް ލިބޭ ކޯލު ހުއްޓާލުމަށް އެންގުމުގެ އިހުތިޔާރު ލިބިގެން ވެއެވެ.

މި އާ ގާނޫނުގެ ދަށުން މުވައްޒަފާ މެދު ފިޔަވަޅު އެޅޭ ހަމަތައްވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން މުވައްޒަފަކު ޖަވާބު ނުދީ ދޫކޮށްލާ ސަބަބަކީ ގަބޫލުކުރެވޭ ސަބަބަކަށް ނުވާނަމަ، ބޮސްގެ ކޯލަށް ޖަވާބު ދޭން އެންގޭނެއެވެ. އެގޮތުން އަންގާ އެންގުންތަކަށް ބޯ ނުލަނބާނަމަ 12897 ޑޮލަރުން ޖޫރިމަނާވެސް ކުރެވެއެވެ.

އޮސްޓްރޭލިއާގައި އާންމު މަސައްކަތު ވަގުތުގެ ބޭރުން އޯޓީއެއް ނުލިބި އެވްރެޖްކޮށް އަހަރަކު 281 ގަޑިއިރު މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ސާވޭ އިން ދައްކައެވެ.

އޮސްޓްރޭލިއާގައި މި ހެދި ގާނޫނުފަދަ ގާނޫނުތައް އޮންނަ 20 ގައުމެއް ޔޫރަޕާއި ލެޓިން އެމެރިކާގައި އޮވެއެވެ.

އޮސްޓްރޭލިއާގައި ތައާރަފު ކުރި މި އާ އުސޫލުގެ ނަތީޖާ ހެޔޮވާނެ ކަމަށާއި، މަސައްކަތާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރަން ނުވަތަ ދެކޮޅަށް ހަމަހަމަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން އިންތިޒާމު ކުރަން މަގުފަހިވެގެން ދާނެ ކަމަށް ބުނެއެވެ.