އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ބޮޑުވަޒީރު އެންތަނީ އަލްބަނީސްްއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ބޮޑުވަޒީރު ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައި ފާހަގަކޮށްލެވޭ ފުރިހަމަ ކާމިޔާބެއް ހޯއްދަވާ ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި އެންތަނީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިންތިހާބުގައި ލިބި ވަޑައިގެންނެވި ކާމިޔާބުގެ ސަބަބުން އޭނާގެ ލީޑާޝިޕަށް، އޮސްޓްރޭލިއާގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ފެނިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި އޮސްޓްރޭލިއާގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި އިންތިހާބުގެ ކާމިޔާބީ އާއި އެކު 2004 ވަނަ އަހަރު ޖޯން ހަވާޑް އަށް ފަހު، އެންތަނީ އަލްބަނީސް ވެފައިވަނީ އޮސްޓްރޭލިއާގެ އިންތިހާބެއް ކާމިޔާބުކޮށް ދެވަނަ ދައުރަށް ހޮވުނު ބޮޑުވަޒީރުގެ ލަގަބު ލިބިވަޑައިގެންފައެވެ.