ހިޔާ ފްލެޓްގެ 3 ވަނަ ޓަވަރު ނޫން ހުރިހާ ޓަވަރަކަށް ކަރަންޓް ދެވިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި ރޯވެ ހިޔާއާއި ވިނަރެސްގެ ބައެއް ފްލެޓްތަކުންވެސް ކަރަންޓް ކެނޑުނެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ޓަވަރުތަކުގެ ތެރެެއިން 3 ވަނަ ޓަވަރު ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށެވެ. އަދި 3 ވަނަ ޓަވަރަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ މުވައްޒަފުން ގެންދަނީ ކުރަމުން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތައް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަވަމުން އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ހިޔާ ފްލެޓް 3 ގެ ކައިރީ ހުރި ޖަނަރޭޓަރު ސެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެމްޑީއެފްއާއި ސްޓެލްކޯއާ ހަރަކާތްތެރިވަމުންދާ ކަމަށާއި ހާދިސާ ހިނގަމުން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާ ކަމަށެވެ.

ސްޓެލްކޯއިން ފޭސް 2 ގައި ކަރަންޓްގެ ހިދުމަތްދިން ނަމަވެސް އެތަނުގެ ކަރަންޓް ނެޓުވޯކު އަޅާފައިވަނީ އާބަންކޯއިން ބަޔަކާ ހަވާލުކޮށްގެން ކަމުން ރޯވެފައިވަނީ އާބަންކޯގެ ޓްރާންސްފޯމަރެއްގައެވެ.