ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދެއްވުމަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ މިނިސްޓަރު އޮފް އާތް ސައިންސެސް، ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި އެންމެ އިސްކަމެއްދެއްވާ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނުއްވާފައި ވަނީ ވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތްޕުޅު ފައްޓަވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އެއަށްފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ ސަފީރާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެއާއެކު އިންޑިއާގެ ސަފީރު ވަނީ އެ ނިންމެވުމަށް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާ ސިފައިންގެ މައްސަލަ ފެންމަތިވެގެން ދިޔަ އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އަސްކަރީ ގޮތުން ހަރަކާތްތެރިވާ ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮޕަރޭޝަނަލް ކޮމާންޑުގެ ދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ގައުމަކަށްވުމަށް ކަމަށާއި ދިވެހިރާއްޖެއަކީ އެހެން ގައުމަކުން ކޮންޓްރޯލް ކުރާ ގައުމަކަށް ވާން ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.