އިޒްރޭލަށް ހިފެއްޓުމެއް ނެތި ތާއީދު ކުރާ ގައުމުތަކުގެ ތެރޭގައި ޖަރުމަންވެސް ހިމެނޭ އިރު، ޖަރުމަނު ފަދަ ގައުމުތައް އިޒްރޭލު 'ދަށުވެފައި' ވިޔަސް ތުރުކީން އަދާކޮށްދެން ޖެހޭ އެއްވެސް 'އަގެއް' ނޯންނާނެ ކަމަށް ވިދާޅުވެ، މިހާރު ޖަރުމަނަށް ވަޑައިގެން އުޅުއްވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަރުގަދަ އެތިފަހަރެއް ޖައްސަވައިފިއެވެ.

އުރުދުގާން ވިދާޅުވީ، އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށާއި އެމީހުނަށް ތާއީދު ކުރަނީ ހުޅަނގާއި ޖަރުމަނު ފަދަ ގައުމުތަކުން ކަމަށެވެ.

ނޭޓޯގެ މެންބަރު 2 ގައުމުގެ ހިޔާލު އިޒްރޭލު މައްސަލައިގައި ދެކަފިވެފައި ވާ އިރު ޖަރުމަނުގެ ޗާންސެލަރު އޯލާފް ސްކޯލްޒް ވިދާޅުވީ އަމިއްލަ ދިފާއު ހޯދުމުގެ ހައްގު އިޒްރޭލަށް ލިބިގެން ވާ ކަމަށާއި 'އަހަރެމެންގެ އިޒްރޭލާ އެކު ތިބޭތިބުމަކީ ސުވާލެއް އުފައްދަން ޖެހޭ ކަމެއް ނޫން' ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން އިޒްރޭލަށް ފާޑުވިދާޅުވަމުން އުރުދުގާން ވިދާޅުވީ، އެއްގަމާއި ވައިޔާއި ކަނޑުގެ މަދުން އިޒްރޭލުން ގާޒާއަށް ހަމަލާ ދީ ކުޑަކުއިންނާއި ހޮސްޕިޓަލްތަކަށް ހަމަލާ ދެމުން ގެންދާ އިރު އެއީ ޔަހޫދީންގެ މުގައްދަސް ފޮތްތަކުގައި ވެސް އޮތް ގޮތެއް ނޫން ކަމަށެވެ.

"ތައުރާތު ބަލާ، އޭގައި ނޯންނާނެ ކުޑަކުދިން މަރާ، ހޮސްޕިޓަލްތަކާއި ތަންތަނަށް ހަމަލާ ދޭކަށް"
އުރުދުގާން

އިތުރަށް އޭނާ ވިދާޅުވީ، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ހިންގި ގަތުލުއާންމުގައި ޖަރުމަނުގެ އޭރުވެ ވެރިޔާ އެޑޮލްފް ހިޓްލަރު އެތައް ހާސް ޔަހުދީންނެއް މަރާފައި ވުމުން، މިއަދި ޖަރުމަނު އިޒްރޭލުގެ ދަށުޖެހިފައި ވާ ކަމަށެވެ.

ސްކޯލްޒް ވިދާޅުވީ، ޖަރުމަނުގައި ދީނީ މިނިވަން ކަމަށް ޖާގަ އޮންނާނެ ކަމަށާއި ނަފަރްތު އުފައްދާ ހަމަނުޖެހުން ހިންގުމުގެ ޖާގައެއް ނޯންނާނެ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ޖަރުމަނުގައި މިހާރުވެސް 5 މިލިއަން މުސްލިމުން އެބަތިބި ކަމަށާއި އެމީހުން ދިރިއުޅެނީ ހަމަޖެހިގެން ކަމަށެވެ.

އެއާ ވިދިގެން އުރުދުގާން ވިދާޅުވީ، އިޒްރޭލުން ގާޒާއަށް ހަމަލާ ދޭއިރު، ސްޗޯލްޒް ވިދާޅުވާ 'ހަމަޖެހުން' ގާޒާގެ މުސްލިމުންނަށް ނޯންނަންވީ ކީއްވެތޯއެވެ. އިޒްރޭލާ ޖެހުނީމައި ޖަރުމަނުގެ ބަސް ހުއްޓެވީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން، ޔަހުދީއަކަސް ނަސޯރާއަކަސް އަދި މުސްލިމަކަށް ވިޔަސް ތުރުކީ އޮންނަ ސަރަހައްދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށާއި އަދި އެއީ [ހަމަހަމަ ކަމަކީ] އޭނާ އަޑުއުފުއްލަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޖަރުމަނުގައި ފަލަސްތީނަށް ތާއީދު ކޮށް މުޒާހަރާ ކުރުން އޮތީ މަނާ ކޮށްފައެެވެ.