ދެވަނަ ބޮޑުހަނގުރާމައިގައި ހިޓްލަރާއި އޭނާގެ ސިފައިން އަދި ޖަރުމަނުގެ ރައްޔިތުން ބޭނުން ކުރި ވަރުގަދަ ބަންކަރުތަކުން މިސާލު ނަގައިގެން, ޖަރުމަނުގައި ހުރި ސަބްވޭތައް ބަންކަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ބަދަލުގެންނަން ނިންމައިފިއެވެ.
މީގެ އިތުރުން އަސްކަރީ ހިދުމަތުގައި ބައިވެރިވުން އެންމެނަށް މަޖުބޫރު ވާނެ ގޮތަށާއި އުމުރުން 18 އަހަރު ވެ ވަޒީފާއެއް އަދާކުރެވޭނެ ކޮންމެ ކޮންމެ މީހަކު ވަޒީފާއެއް އަދާ ކުރަން މަޖުބޫރު ވާގޮތަށް އާ ސިޔާސަތެއް ވަނީ އެކަށައަޅާފައެވެ.
އެސިޔާސަތުގައި ބުނާގޮތުން އުމުރުން 18 ވެއްޖެ ނަމަ ބޭކަރީ ތަކާއި ޕޯސްޓް އޮފީސް ފަދަ ތަންތަނުގައި ނަވަވެސް ކޮންމެވެސް 1 ވަޒީފާއެއް އަދާކުރަން ޖެހޭނެ ކަމަށާއި އަދި ވަޒީފާއިން ނުކެނޑެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުންނާއި ނަރުހުންނާއި ޖަނަވާރާއި ދޫނިސޫފާސޫފީގެ ޑޮކްޓަރުން އަސްކަރީ އަދި ސިވިލް މަސައްކަތަށް ބޭނުން ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ކާބޯތަކެތި މަދުވާ ހާލަތެއްގައި މީހަކަށް ދުވާކަލު 'ހޫނު 1 ކެއުން' ލިބޭގެ ގޮތަށް ސަރުކާރުގެ ފަރާތުން ވަކި މުއްދަތަކަށް ކާބޯތަކެތި ރައްކާ ކުރާނެ ކަމަށާއި ފެޑެރަލް ރިޒާވްގައި ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ހަނޑުލާއި ކޮންޑެންސް މިލްކުގެ އިތުރުން ލޭ ރައްކާ ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ތެލާއި ޕެޓްރޯލް ފަދަ ތަކެތި މަދުވެގެން ދާ ހާލަތެއްގައި ކޫޕަނަކަށް ނޫނީ އެތަކެތި ދޫކުރުން ހިފެހެއްޓޭނެ ކަމަށް ވެސް އާ ސިޔާސަތުގައި ކަނޑައަޅާފައި ވެއެވެ.
އަދި އަންޑަގްރައުންޑް ސްޓޭޝަންތަކަކީ މީހުން ބަދަލު ކުރެވޭގޮތަށް ހުންނަ ބަންކަރުތަކަށް ހެދުމާއި ހަނގުރާމައިގެ ހާލަތުގައި ޒަހަމްވެ ބަލިވާ މީހުންގެ އަދަދުތައް އިތުރުވެދާނެ ކަމަށް ބަލައި ހޮސްޕިޓަލްތައް ތައްޔާރު ކުރުންވެސް ހިމެނެއެވެ.
67 ސޮފްހާގެ އާ ސިޔާސަތު އާންމު ކުރައްވައި ޖަރުމަނުގެ ދާހިލީ ވަޒީރު ނޭންސީ ފައޭސާ ވިދާޅުވީ, ރަޝިއާގެ ނުރައްކަލާ ކުރިމަތިލުމަށްޓަކައި ޖަރުމަނު ވަރުގަދަ ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އެހެން ކަމުން ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ދިގުމުއްދަތަކަށް ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދެވޭނެ ގޮތަށް ހޮސްޕިޓަލްތައް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި ޖަރުމަނުގެ ކޮންމެ ރައްޔިތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށް ނުދެވިދާނެ ކަމަށާއި އެހެން ކަމުން ފަރުދީ ގޮތުން ތައްޔާރުވެ އަމިއްލަ އަށް ސަލާމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމާއެކު އަވަށްޓެރިންނަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އުސޫލުގެ ދަށުން އަވަސް އަދި ކުއްލި މައުލޫމާތު ފޯރުކޮށް ދިނުން މީޑިއާތަކަށް ވެސް މަޖުބޫރު ކޮށްފައި ވެއެވެ. އަދި އާ ގާނޫނުތަކާއި އުސޫލުތަކުގެ މައުލޫމާތު އާންމު ކޮށް އިއުލާން ކުރެވޭނެ ގޮތް އިންތިޒާމު ކުރުމަށް ދައުލަތުގެ މީޑިއާ 'ޑަޗް ވެލޭ" ގެ މައްޗަށް ލާޒިމު ކޮށްފައި ވެސް ވެއެވެ.
އަދި އާއިލާތަށް އެކި ސަރަހައްދުތަކަށް ބަދަލުކުރުމުގެ ބާރު އިދާރާތަކަށް އޮންނާނެ ކަމަށާއި ނަމަވެސް އެފަދަ ހާލަތުގައި ވެސް އާއިލާގެ މެންބަރުން ވަކި ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.
މި އާ އުސޫލާ ގުޅިގެން ޖަރުމަނުގެ ޑިފެނެސް މިނިސްޓަރު ޕިސްޓޯރިއަސް އާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ "2029 އަންނަ އިރު ހަނގުރާމައަށް ތައްޔާރުވެފައި ތިބެން ޖެހޭނެ" ކަމަށެވެ.
މުރާސިލުން ބުނާގޮތުގައި ޖަރުމަނުގެ މި އާ ސިޔާސަތަކީ އެގައުމުން ސީރިއަސް ކޮށް ހަނގުރާމައަކަށް ވިސްނާތީ އަޅަން ނިންމާ ފިޔަވަޅުތަކެކެވެ.
ދުނިޔެ ބަނޑަށް ޖެހިގެން ދިޔަ ދެވަނަ ބޮޑުހަނގުރާމަ އަކީ ޖަރުމަނުގެ އޭރުގެ ލީޑަރު އެޑޮލްފް ހިޓްލަރު ދުނިޔެ ހިފުމަށް ފެށި ހަނގުރާމައަކަށް ވާއިރު, އެ ހަނގުރާމައިގައި ޖަރުމަނު ސަލާމަތް ކުރުމަށް ތައްޔާރު ކުރި ވަރުގަދަ ބަންކަރުތަކާއި ހަނގުރާމައިގައި ބޭނުން ކުރި ވަރުގަދަ ހަތިޔާރު މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެ ހަނގުރާމައިގައި ޖަރުމަނާ ބައިވެރިވެ ޖަޕާނާއި އިޓަލީން ދުނިޔޭގެ ބައްރުތައް ހިފަމުން ދަނިކޮށް, އެމީހުން ބަލިކުރީ އެމެރިކާ އާއި އިންގިރޭސިވިލާތާއި ސޯވިއެޓް ޔޫނިއަން [މިހާރުގެ ރަޝިއާ] ބައިވެރިވެގެންނެވެ.
މިއަދު ރަޝިއާ އެއްކޮޅުގައި އޮތް އިރު, އިނގިރޭސީންނާއި, އެމެރިކާ, އަދި ޖަރުމަނާއި ޖަޕާންގެ އިތުރުން ޔޫރަޕް އޮތީ އެއްބައެއްގެ ގޮތުގައެވެ.
ޔޫކްރައިން ހަނގުރާމަ ވަރުގަދަވެ ފުޅާވަމުން ދާއިރު ނޭޓޯއާއި އެމެރިކާއިން ދީފައިވާ ދުރުރާސްތާ މިސައިލާއި އެނޫންވެސް ޒަމާނީ ހަތިޔާރުން ރަޝިއާގެ ތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމާއެކު, އެއީ ހަނގުރާމަ އެސަރަހައްދުތަކަށް ފުޅާވެގެން ދާނެ ނުރައްކާތެރި ހާލަތެއް ކަމަށް ބުނެ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އިންޒާރު ދެއްވާފައެވެ. އަދި ރަޝިއާގެ ދިފާއުގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވާއިރު ހުޅަނގުގެ ހަތިޔާރުން ޔޫކްރައިނުން ރަޝިއާގެ ތެރެއަށް ހަމަލާ ދޭން ފެށުމުން ރަޝިއާގެ ސަފުތަކަށް ލިބޭ ގެއްލުންތައް މިހާރު ދަނީ ބޮޑުވަމުންނެވެ. މިއާއެކު ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު މައިދާނަށް ނެރުމުގެ ވިސްނުން ރަޝިއާއިން ފާޅުކޮށް, ހުޅަނގާ ދުޝްމަނު ހުރިހާ ގައުމަކަށް ރަޝިއާއިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވުމަކީ 3 ވަނަ ބޮޑުހަނގުރާމަ ފެށިދާނެ ކަމުގެ އިންޒާރެއް ކަމަށް މުރާސިލުން ބުނެއެވެ.