ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ނަސޯރާ ދީނުގެ ލިންކުތަކެއް ލިޔެފައި ހުރި ކާޑުތަކެއް އެޅި ދެ މީހުން 10 ދުވަހަށް ބަންދު ކޮށްފިއެވެ.

އެ މީހުން ބަންދުކުރިކަން ފުލުހުން ޔަގީކޮށްދީފައިވާއިރު އެ މައްސަލަ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މީޑިއާގެ ޒަރިއްޔާއިންނެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓު ވިސާގައިކަމަށްވާއިރު އެ މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި ދެ އަންހެނުން ދައުރު ކުރަމުންދާ ކާޑުތަކުގައި ކްރިސްޓިއަނުން އަޅުކަން ކުރާ ޖީޖަސްއަށް ނިސްބަތްވާ ދިވެހި ބަހުން ތަރުޖަމާ ކޮށްފައިވާ ފިލްމުތަކެއްގެ ލިންކުގެ އިތުރުން ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް އެކުލެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ. މި މަންޒަރުފެންނަ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިއެވެ.

މި މީހުންގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ތެރޭގައި އެހެން ދީންތައް ފެތުރުވުން ކަމަށް ބެލެވެއެވެ.