އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރި ކުރައްވަމުން، މިހާރު ހަނގުރާމަ ފުޅާވެފައި އޮތް މިންވަރާ އަޅާކިޔުއްވައި، ދިމާވާ ގޮންޖެހުންތަކަށް ދުނިޔެ ގުޅިގެން ކުރިމަތިލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފިއެވެ.

މޯދީ ވިދާޅުވީ، މިއީ ތަރައްގީ ވަމުން އަންނަ ގައުމުތައް [ގްލޯބަލް ސައުތު] އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި އިޒްރޭލާއި ހަމާސްގެ ހަނގުރާމައިގެ ނަތީޖާއާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތައް ގިނަ ކަމަށެވެ.

ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމު ބައިވެރިވި މަހާސިންތާއެއްގައި އޮންލައިންކޮށް ދެއްވި ތަގުރީރުގައި މޯދީ މިފަދައިން ވިދާޅުވި އިރު އިންޑިއާ އަކީ، އިޒްރޭލުގެ ބައިވެރިއެކެވެ. ހަމާސް އާއި އިޒްރޭލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި އިންޑިއާގެ ފަޅިއަކީ އިޒްރޭލެކެވެ.

ގްލޯބަލް ސައުތުގެ ގޮތުގައި ބަލާ، އިންޑިއާ، ޗައިނާ، ބްރެޒީލް، ޕާކިސްތާން، މެކްސިކޯ އަދި ނައިޖީރިއާ ހިމެނޭހެން މިގައުމުތަކަކީ ދުނިޔޭގެ ދެކުނު ބިތުގައި ބިމުގެ ގޮތުން ބަލާނަމަ އެންމެ ބޮޑު ސަރަހައްދެއް ހިއްސާ ކުރާ ގައުމުތަކެވެ. އަދި އާބާދީގެ ގޮތުން ބަލާނަމަވެސް މިއީ އެންމެ ބައިބޯ ސަރަހައްދެވެ.

ގްލޯބަލް ސައުތުގެ ލީޑަރެއްގެ ގޮތުގައި އިންޑިއާ އަޑުއުފުލަމުން ދާ އިރު، އިންޑިއާ އިން އިޒްރޭލަށް ތާއީދު ކުރިނަމަވެސް ފަލަސްތީނުގެ ދައުލަތެއް ގާއިމުވެފައި އޮތުމަށް ވެސް އިންޑިއާއިން ތާއީދު ކުރެއެވެ.

މޯދީ ވިދާޅުވީ، ކުރިއަރަމުން އަންނަ ގައުމުތަކަށްވެސް މިއަދު ދިމާވަމުން އަންނަ އެއް ޗެލެންޖަކީ އިޒްރޭލަށް ވެސް ދިމާވާ ފަދަ ޗެެލެންޖްތަކެއް ކަމަށެވެ. އޭނާ އިޝާރާތް ކުރައްވަނީ، ހަމާސް ފަދަ ހަތިޔާރުއެޅި ޖަމާއަތްތަތުގެ ފަރާތުން ކުރިމަތިވާ ހަމަލާތަކަށެވެ.

އިންޑިއާ އަކީވެސް ޓެރަރިޒަމާ ދެކޮޅަށް އަޑުއުފުލައި އަދި އެތެރެއާއި ބޭރުން ޓެރަރިޒަމްގެ ނުރައްކާ ފޯރާ ގައުމެކެވެ. އެގޮތުން އިންޑިއާގެ ސިކުން ވަކިވެގަތުމަށް ކުރާ މަސައްކަތާއި، އަވަށްޓެރި ޕާކިސްތާނާއި އަފްގާނިސްތާނަކީ އިންޑިއާއަށް ބިރަކަށް ވެއެވެ. އަދި އިމުގެ މައްސަލައިގައި ޗައިނާ އަކީވެސް ޕާކިސްތާން ފަދައިން އިންޑިއާގެ ހަތުރުންނެވެ.

މޯދީ ވިދާޅުވީ، މައްސަލަ ހައްލުކުރަން ޖެހޭނީ ވާހަކަ ދެއްކުން އިސްކޮށް ސިޔާސީ ގޮތުން ކަމަށާއި، އިޒްރޭލުން ވެސް އަދި ހަމާސް އިންވެސް އާންމުންނާއި ކުޑަކުދިން މެރުން ބަލައިނުގަނެވޭ ކަމަށެވެ.

އިޒްރޭލުން ހަމާސް އާ ދެކޮޅަށް ކަމަށް ބުނެ ގާޒާ ފުނޑުފުނޑު ކޮށްލުމަށް ދެމުން ގެންދާ ހަމަލާތަކަށް 43 ދުވަސް ވެފައި ވާ އިރު، ގާޒާގެ އިތުރުގެ 58 ޕަސެންޓް ވަނީ އަންދާ އަޅިއަށް ހަދާފައެވެ. އެއީ ގާތްގަނޑަކަށް 276،000 ގެދޮރެވެ.

1.3 މިލިއަން މީހުން ދިރިއުޅުނު ގާޒާގެ އިތުރުގައި މިހާރު ތިބީ މަދުއަދަދެއްގެ ބައެކެވެ. އިޒްރޭލުގެ އިންޒާރާއި ހަމަލާތަކުން ރައްކާތެރިވުމަށް ގިނަ ބަޔަކު ގާޒާގެ ވާދީ ހުރަސް ކޮށް ދެކުނަށް ގޮސްފައި ވާ އިރު، ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވެސް އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ. އެގޮތުން ދެކުނުން ހާން ޔޫނިސްއަށް ދޭތެރެ ދޭތެރެއިން ހަމަލާ ދެމުން ގޮސް ރޭ ބޮން އަޅާ ވަނީ 26 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައިވެސް ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 12،000 މީހަކު ޝަހީދު ވެފައި ވާ އިރު ކުޑަކުދިންގެ އަދަދު 5000 އަށް އަރައެވެ. ނުފެނި ގެއްލިފައި ނުވަތަ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި 4000 އެއްހާ މީހުން ވާ ކަމަށް އޮފިޝަލުން ބުނާ އިރު އޭގެ ތެރޭގައި ވެސް 1800 ކުޑަކުދިން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އިޒްރޭލުން ދެކުނުގެ ހާން ޔޫނިސް އަށް ދެ ހަމާލައް ވަރުގަދަ ކޮށްފައި މިވަނީ، އެތާނގައި ދިރިއުޅޭ މީހުންނާއި، ގާޒާގެ އުތުރު ދޫކޮށް އެތަނަށް ދިޔަ އެތައް ސަތޭކަ ބަޔަކު ތިއްބާ އެތަން ހުސްކުރަން އިންޒާރު ދިނުމަށް ފަހުއެވެ.