ދިވެހިންގެ ފަރާތުން ގާޒާގެ ރައްޔިތުންނަށް ދީފައިވާ ދީލަތި އެހީގެ ދަށުން ގާޒާގެ އިންޑޮނީޝިއާ ހޮސްޕިޓަލަށް މުހިންމު ބޭސްތަކަކާއި އާލާތްތަކެއް ހަދިޔާ ކޮށްފިއެވެ.
ދިވެހިންގެ އެހީ ގާޒާއަށް ފޯރު ކޮށްދެމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާއަށް ސިއްހީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި ކަރަންޓު ފަދަ ޒަރޫރީ ވަސީލަތްތައްވެސް ނެތް ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
އަދި އެފަދަ ޒަރޫރީ ބޭނުންތައް ފުއްދާދިނުމުގެ ގޮތުން މި މަހުގެ 12 ވަނަ ދުވަހު އިންޑޮނީޝިއާ ހޮސްޕިޓަލަށް މުހިއްމު ސިއްޙީ އާލާތްތަކުގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދިނެވެ.
އަދި މިއީ ބޭރުން ގާޒާއަށް އެތެރެ ކުރި ބޭސްތަކެއް ނޫން ކަމަށާއި މިތަކެއްޗަކީ ގާޒާގެ އެތެރޭގެ ފާމަސީ ތަކުގެ އިތުރުން އެހެންތަންތަނުން އެއްކުރި ބޭހާއި އާލާތްތަށް ކަމަށް ބުނެއެވެ. ހަމައެހެންމެ މިފަދަ އިތުރު އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މި ދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.
ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.
ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.