ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ގާނޫނީ ހުވާ ކުރެއްވުން މިއަދު ހަވީރު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ. މުހައްމަދު މުއިއްޒު އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ހުސައިން މުހައްމަދު ލަތީފް، ހުވާ ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

އަދި ހަމައެހެންމެ އާ ސަރުކާރުން އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށްވެސް މިރޭ ހަމަޖެހިފައި ވެއެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސަށެވެ. ފުރަތަމަ ޖުމްހޫރިއްޔާ އާއެކު ގުނާނަމަ އަށްވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ރަސްމިއްޔާތުގައި ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާއިރު މި ހާއްސަ ރަސްމިއްޔާތަށް ޖުމްލަ 22.9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.