ކުންފުނިތަކުގެ ވެރިން ނެތް ހާލަތެއްގައި ބޮޑެތި މާލީ އަދި ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ އެގްޒެކްޓިވް މެންބަރުން ނެތް ހާލަތެއްގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކުރުމަށް ބައެެއް ކުންފުނިތަކުން މައުލޫމާތު ސާފު ކުރުމަށް އެ ބޯޑަށް ގުޅަމުންދާ ކަމަށެވެ.

އެގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ ނެތް ހާލަތެއްގައި ކުންފުނީގެ ހިންގުން ހަވާލުވާނީ އެގްޒެކްޓިވް ބޯޑުގެ މެންބަރަށް ކަމަށްވެއެވެ.

އެގްޒެކްޓިވް ބޯޑުގެ މެންބަރެއް ވެސް ނެތް ހާލަތެއް ނަމަ ތިރީގައިވާ ފަދައިން އަމަލު ކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ

  • ކުންފުނީގެ ބޯޑަށް އެގްޒެކްޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު، ދުވަހުން ދުވަހަށް ހިންގަން ޖެހޭ މުއާމަލާތްތައް ފިޔަވައި ބޮޑެތި މާލީ ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުން
  • ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ކުންފުނީގެ މެނޭޖްމެންޓުގެ އެންމެ އިސް ފަރާތަކާ ހިންގުން ހަވާލުކުރުން
  • ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލުކުރާ ފަރާތުގެ މަގާމާއި އީމެއިލް އަދި ގުޅޭނެ ނަންބަރު ޕީސީބީއާ ހިއްސާ ކުރުން

މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސް ކަމަށްވާއިރު ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.