ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރާ މިންވަރު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވި ނަމަވެސް، ކުންފުނިތަކުގެ ދެފުށް ފެންނަ މިންވަރާއި ޒިންމާދާރުކުރުމުގެ ނިޒާމުގައި ބޮޑެތި އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ.

ޕީސީބީން އެކުލަވައިލި "ކޯޕަރޭޓް ގަވަނަންސް ކޮމްޕްލަޔަންސް ރިވިއު 2025" ގައިވާ ގޮތުން، ސަރުކާރުގެ 21 ކުންފުންޏެއްގެ ހިންގުން ވަޒަންކުރިއިރު، 2023 ވަނަ އަހަރު ގަވާއިދުތަކަށް އަމަލުކުރި މިންވަރު 68 ޕަސެންޓްގައި ހުރުމަށްފަހު، މި އަހަރު އެ އަދަދު ވަނީ 78 ޕަސެންޓް އަށް އުފުލިފައެވެ. އެހެން ނަމަވެސް، ހުރިހާ ކުންފުންޏަކުން ވެސް މި އުސޫލުތައް އިގުރާރުވެ ބަލައިގަތް ނަމަވެސް، އަމަލީ މައިދާނުގައި އެކަންކަން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޯޑުން ފާހަގަކުރެއެވެ.

މި ރިވިއުއިން ދައްކާ ގޮތުގައި، ކުންފުނިތަކުގެ އެންމެ ބޮޑު ބަލިފަޔަކީ މައުލޫމާތު ހާމަކުރުމާއި ދެފުށް ފެންނަ މިންވަރު ކުޑަވުމެވެ. އެގޮތުން، ކުންފުނިތަކުގެ ރަސްމީ ވެބްސައިޓުތަކުގައި އާންމުކުރުން ލާޒިމުކުރާ މައުލޫމާތުތަކުގެ ތެރެއިން ހާމަކޮށްފައިވަނީ އެންމެ 45 ޕަސެންޓް އެވެ. މީގެއިތުރުން، އަހަރީ ރިޕޯޓު އާންމުކުރުމުގެ މިންވަރު 55 ޕަސެންޓް ގައި ހުރިއިރު، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު 9 ކުންފުންޏަކުން އަދިވެސް އެކުލަވައިލާފައެއް ނުވެއެވެ. އަދި ރިޕޯޓު އެކުލަވައިލި 12 ކުންފުނީގެ ތެރެއިން ވެބްސައިޓުގައި އެ ރިޕޯޓު ޝާއިއުކޮށްފައިވަނީ އެންމެ 7 ކުންފުނިންނެވެ.

ކުންފުނިތަކުގެ މާލީ އޮޑިޓްތައް ނިންމުން ދިގުލައިގެން ދިއުމަކީ އަހަރީ އާންމު ޖަލްސާތައް (އޭޖީއެމް) ބޭއްވުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހެވެ. 2024 ވަނަ އަހަރުގެ އެކްސްޓާނަލް އޮޑިޓް ނިންމި 12 ކުންފުނީގެ ތެރެއިން 11 ކުންފުންޏަކުން އޭޖީއެމް ބޭއްވި ނަމަވެސް، ގާނޫނުގައި ބަޔާންކުރާ މެއި 31 ގެ ކުރިން ޖަލްސާ ބޭއްވުނީ އެންމެ 4 ކުންފުންޏަށެވެ. މީގެ ސަބަބުން، މާލީ ހިސާބުތަކާއި ސްޓްރެޓީޖިކް ޕްލޭންތައް ފަދަ މުހިންމު ނިންމުންތަކަށް ހިއްސާދާރުންގެ ރުހުން ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ހަމައެއާއެކު، އޭޖީއެމްގެ އެޖެންޑާއާއި ލިޔެކިޔުންތައް ކުރިއާލައި އާންމުނުކުރުމާއި، އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހަނިވުމަކީވެސް ފާހަގަކުރެވުނު މައްސަލަތަކެކެވެ.

މާލީ ހިންގުމާއި އެތެރޭގެ ކޮންޓްރޯލްތަކަށް ބަލާއިރު، 19 ކުންފުންޏެއްގައި ޗީފް ފައިނޭންޝަލް އޮފިސަރުން (ސީއެފްއޯ) ތިބި ނަމަވެސް، ޕީސީބީގެ ޝަރުތު ފުރިހަމަވަނީ 16 ފަރާތެއްގެ އެކަންޏެވެ. އަދި އިންޓާނަލް އޮޑިޓަރުންގެ ފެންވަރު ފުރިހަމަވަނީ 12 ކުންފުންޏެއްގައެވެ. މީގެ އިތުރުން، 2 ކުންފުންޏެއްގައި ރިސްކް މެނޭޖްމަންޓް ނިޒާމެއް މުޅިންވެސް ގާއިމުކޮށްފައި ނުވާއިރު، ބޯޑުން ފާސްކޮށްފައިވާ ހަރުދަނާ ރިސްކް ޕޮލިސީއެއް އޮތީ އެންމެ 15 ކުންފުނީގައެވެ.

ކުންފުނިތަކުގެ ބޯޑުތަކުގެ އެކުލެވިގެންވާ ގޮތަށް ބަލާއިރު، ޖުމްލަ 124 ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ 29 އަންހެން ބޭފުޅުންނެވެ. އެއީ 23 ޕަސެންޓް އެވެ. އަދި ބޯޑުގެ އަދަދު ހަމަކޮށް އޮތީ އެންމެ 5 ކުންފުނީގައެވެ. ބޯޑު މެންބަރުން އަވަސްއަވަހަށް ބަދަލުކުރުމުގެ ސަބަބުން، ކުންފުނިތަކުގެ މަސައްކަތްތަކުގެ ދެމެހެއްޓެނިވި ކަމަށާއި ދުރުރާސްތާގެ ވިސްނުންތަކަށް ބުރޫއަރަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ގޮންޖެހުންތަކާ އެކުވެސް، ފާހަގަކޮށްލެވޭ ބައެއް ކުރިއެރުންތައް ވަނީ ހޯދައިފައެވެ. އެގޮތުން، ދެ އަހަރުގެ ރިވިއުގައި ބައިވެރިވި 18 ކުންފުނީގެ ތެރެއިން 15 ކުންފުންޏެއްގެ ޖުމްލަ ނަތީޖާ ވަނީ ރަނގަޅުވެފައެވެ. އަދި ކުންފުނިތަކުގައި އެތިކްސް ކޮމްޕްލަޔަންސް އޮފިސަރުން އައްޔަންކުރި މިންވަރު 3 އިން 17 އަށް އިތުރުވެ، އެކަމާ ގުޅޭ މައުލޫމާތު ހާމަކުރާ ކުންފުނިތަކުގެ އަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ޖެހިލައިފައެވެ.

ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓްތައް ނިންމުމަށާއި، ކުއާޓާލީ މާލީ ހިސާބުތައް ގަވާއިދުން ތައްޔާރުކޮށް ހާމަކުރުމަށް ޕީސީބީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޭޖީއެމްތައް ގަޑިއަށް ބޭއްވުމަށާއި، ވެބްސައިޓުތައް މެދުވެރިކޮށް އަހަރީ ރިޕޯޓުތަކާއި ކޯޕަރޭޓް ގަވަނަންސްގެ ލިޔެކިޔުންތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ލަފާދީފައެވެ.

ޕީސީބީން ބަޔާންކުރި ގޮތުގައި، ހިންގުމުގެ މިންގަނޑުތަކަށް ތަބާވުމަކީ ހަމައެކަނި ގަވާއިދެއް ފުރިހަމަކޮށްލުމަށް ކުރާ ކަމަކަށް ނުހަދައި، އެއީ ދައުލަތުގެ ކުންފުނިތަކުގެ އިތުބާރާއި އަގު އުފުލުމަށްޓަކައި ސަރުކާރާއި ކުންފުނިތައް ގުޅިގެން ނުހަނު އިސްކަންދީގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެކެވެ.