ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުލްމާނިއު ހުސައިން އައްޔަން ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މާނިއު ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ރަސްމިއްޔާތުގައި މާނިއު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ރިޓަޔާ ކުރެއްވުމުންނެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހުޅުވާލުމުން މާނިއު ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

ޖޭއެސްސީގައި މާނިއު ހުންނެވީ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައެވެ. މާނިއު ޖޭއެސްސީގެ މެންބަރު ކަމަށް ހޮވުނީ 199 ވަކީލުންގެ ވޯޓާއެކު 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. މާނިއު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށް މިމަހުގެ 12 ވަނަ ދުވަހުއެވެ.

މާނިއު އަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަރުއީ ދާއިރާގައި އޭނާ 9 އަހަރުގެ ތަޖުރިބާ ހާސިލްކޮށްފައި ވެއެވެ.