އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމާ ގުޅިގެން ބޯހިޔާވަހިކަން ފޯރުކޮށްދޭން ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މި ސަރުކާރުން ދޫކުރާ 4000 ފްލެޓު ދޫކުރުމުގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީއިން ހުއްޓާލައިފިއެވެ.
ފްލެޓު ދޫކުރުމުގައި ގިނަ މައްސަލަތަކެއް ފާހަގަ ވެ ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އޭސީސީއިން އަންގާފައިވަނީ ރޭގައެވެ.
އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއިން ބުނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރައްހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މި ވަގުތު ކުރިއަށް ނުގެންދިޔުމަށް އެސީސީއިން އަންގާފައިވާ ކަމަށެވެ.
އޭސީސީގެ އެ އެންގުމާ ގުޅިގެން ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތަކާއި ގުޅިގެން އޭސީސީއިން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުން، ކޮމިޝަނުން ބެލިބެލުމުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާ ޕޮއިންޓް ދީފައި ވުމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ކަންކަން ފަދަ މައްސަލަތައް ފާހަގަ ވެފައިވެއެވެ. އަދި ބައެއް ފަރާތްތަކުގެ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ނޮކޮށް ހުރުން ފަދަ ކަންކަން ފާހަގަ ވާތީ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓް ދޫކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލަން ވަނީ އަންގާފައެވެ.
ހުޅުމާލޭގައި މިހާރު އިމާރަތްކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައެވެ. އަދި ޝަކުވާ ހުށަހަޅަން މިނިސްޓްރީއިން ހުޅުވާލިއިރު 7000 އަށް ވުރެ ގިނަ ޝަކުވާގެ ސިޓީ މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އެ ޝަކުވާތައް ބެލުމަށްފަހު ރޭގައި ވަނީ ފްލެޓުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.