މި ސަރުކާރުގެ އެންމެ ފަހު ދުވަހު، ފްލެޓްވެރިންނަށް ޖެއްސި 'ނިކަމެތި' ހާލުގެ އަޑު ސަރުކާރަށް އިއްވުމަށްޓަކައި އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

"އާންމުންގެ އެކުވެރި ޖަމިއްޔާއިން" އިންތިޒާމުކުރާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ގައި މާލޭ ރަސްފަންނު ސަރަހައްދުގައެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި 5 އަހަރު ޖެއްސި ހުރިހާ 'މުސީބާތްތަކާ' ދެކޮޅަށް އަޑު އުފުލާ އަޑު އިއްވަން ލިބޭ ފަހު ދުވަސްކަމަށެވެ. އާންމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ކުރި ޕޯސްޓެއްގައި ބުނީ ކަން އޮތްގޮތް ކިޔައިދިނުމަށް ވަރަށް ހިތްވަރު ކުރެވިއްޖެ ކަމަށެެވެ. އަދި އެސީސީ އާއި ރައްޔިތުންގެ މަޖިލީހަށްވެސް ދެވިއްޖެކަމަށާ ނޫސްތަކާ ޓީވީ ތަކަށް އަރާ އިންޓަވިއު އާއި ސްޓޭޓަސް ވެސް ލިޔެވިއްޖެކަމަށެވެ.

މީގެ އިތުރުން މިދުއަމް ބުނީ މިހާރު އުސޫލުން ބޭރުން ނެރެގެން އުޅޭ ލިސްޓު އަދި ޖުމްލަކޮށް ފާއިތުވި 5 އަހަރު ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓުވެރިންނަށް ޖެއްސި އުދަގޫތަކާއި ނިގުޅައިގަތް ހައްގުގެ އަޑު، ވެރިކަމުގެ ފަހު ދުވަހު އިއްވުމަށް ނިންމާފައިވާ ކަމަށެވެ. "‏ވެރިކަމުގެ އާރާއި ބާރު ދޫކޮށް ނިކުމެގެން ދާ ދުވަހު ސަރުކާރުގެ ވެރިންނަށް އާންމުންގެ އަޑު އިއްވަމާ ހިނގާ!‏ ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް މިކަން މިނިންމުން ނިންމުނީ، އެހެނަސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ދެކެން!" މިދުއަމްގެ ޕޯސްޓުގައި ބުނެފައެވެ.

މި ސަރުކާރުން ފްލެޓް ލިބުނު މީހުންނަށް ކުރިމަތިކުރުވި އުދަގޫތަކާއެކު އުފެދިގެން އައި "އާންމުންގެ އެކުވެރި ޖަމިއްޔާއިން" އިން އަންނަނީ ފަލެޓްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު، އެކަންކޮށްފައިވަނީ ގާނޫނާ ގަވައިދާ ހިލާފަށްކަމަށް ބުނެ އެ މައްސަލަ ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އަދި މިހާރު އެސީސީ އިން އެ މައްސަލަ ބަލަމުން އަންނައިރު ފްލެޓް ދިނުމާ، އެކަމާ ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އޭސީސީއިން ވަނި އަންގާފައެވެ.