ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސޯ (އިޓްލޮސް)އިން ކޮށްފައިވާ ހުކުމް ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވީ ނަމަވެސް އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދުން ބަހާލުން ސަރުކާރުން ސިފަކޮށްފައި ވަނީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.

ޗާގޯސް މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ދިވެހިރާއްޖެ މިނިވަން ވީއްސުރެ އަދި އޭގެ ކުރިންވެސް އަދި ފަހުންވެސް، ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަން އެނގޭނެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ. އަދި ރާއްޖެ މިނިވަން ވީއްސުރެ ނިމިދިޔަ 4 ވެރިކަމުގައިވެސް، ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ދެކިގެން ނުވަތަ ބަލައިގެން ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައިވެސް ވަކާލާތެއްވެސް ކޮށްފައި ނުވާ ކަމަށެވެ.

ރޭ އިއުލާނު ކުރެއްވި ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށެވެ. އެގޮތުން ފުރަތަމަ ދުވަހު ވެސް ދިވެހިރާއްޖެއިން ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އޭގެއިތުރުން ރައީސް ސޯލިހްގެ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާސަދަތާއި މިނިވަންކަމަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފުރަތަމަ 4 ހަފްތާގެ ތެރޭގައި ފައްޓަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.