ގެދޮރުވެރިޔާ ސްކީމްގައި 3 ކޮޓަރީގެ ފްލެޓް، 76 ޕޮއިންޓުން މަތިން ލިބޭ މީހުންނަށް ދިނުމަށްފަހު ބާކީ ހުރި ފްލެޓްތައް 75 ޕޮއިންޓް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތު ނަގައިގެން ހޮވޭ ބަޔަކަށް ދޭން ނިންމައިފިއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށް ފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް ހައުސިން މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.
އެ ލިސްޓު އާންމުކޮށް ނެރުނު އިއުލާނެއްގައި ހައުސިން މިނިސްޓްރީން ބުނީ، އެ ލިސްޓަށް އައިސްފައިވާ ބަދަލާއެކު ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާ ނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ގުރުއަތު ނަގައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ފްލެޓްތަކުގެ ކުލީގެ އަގު ވެސް އާންމުކޮށްފައެވެ. އެ ގޮތުން ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ އަދި 2 ކޮޓަރީގެ ފްކެޓްގެ މަހު ކުއްޔަކީ 5000 ރުފިޔާއެވެ. 3 ކޮޓަރި އަދި 2 ކޮޓަރީގެ ފްލެޓް ލިބޭ ފަރާތްތަކުން ވެސް މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ދައްކަން ޖެހެއެވެ.
ކުލި ދައްކަން ހަމަޖެހިފައި ވަނީ ފުލެޓް ހަވާލު ކުރާ ތާރީހުން ފެށިގެން 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށް ފަހުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 މަސް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.