ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް 3 ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ ޒަކާތާބެހޭ ބިލުގެ އިތުރުން މެރިން ސްޕޭޝަލް ޕްލޭނިންއާބެހޭ ބިލަކާއި އަދި މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ކަމަށެވެ.

އޭޖީ އޮފީހުން 3 ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުން އެ އޮފީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ބަލާއިރު ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް 153 ބިލެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން 30 ބިލުގެ މަސައްކަތް މަޖިލީހުގައި އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އޭޖީގެ ވަނީ ފާހަގަކޮށްފައެވެ.

މަޖިލީހުގައި މަސައްކަތް ކުރިއަށްދާ އެކި މައްސަލަތަކައް ބަލާއިރު މަޖިލީހުގެ އެކި ކޮމިޓީތަކުގައި 20 ބިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭޖީ އޮފީހުން ބުނެއެެވެ. އަދި 2 ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު، 3 ބިލެއްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. އޭގެއިތުރުން 5 ބިލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތްކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުން ފެށިގެން ހުށަހަޅާފައިވާ 153 ބިލުގެ ތެރެއިން 120 ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު ރައީސް ތަސްދީގު ކުރައްވައި ވަނީ ގާނޫނަކަށް ބަދަލުވެފައެވެ. އަދި އޭގެތެރެއިން 1 ބިލު މަޖިލީހުން ފާސްވެފައި ނުވާއިރު، 2 ބިލެއް ސަރުކާރުގެ ފަރާތުން ވަނީ އަނބުރާ ގެންގޮސްފައެވެ.