ޖެންޑާ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކުރި ފީޗާ ފިލްމު "ޒޯޔާ" އިފްތިާހުކޮށްފިއެވެ.

މިނިސްޓްރީން ބުނީ، މި ފިލްމަކީ އާއިލީ ގުޅުންތަކާއި ގެވެށިއަނިޔާ އާއި އެފަދަ އަނިޔާއެއްގެ ޝިކާރަކަށްވާ މީހުންނަށް އާއިލާ ތެރެއިން ލިބެންވާ އެހީތެރިކަމާއި އެއްބާރުލުނުން ނުލިބުން ފަދަ ކަންކަމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކަށް އަލިއަޅުވާލައި ހަދާފައިވާ ފިލްމެއް ކަމަށެވެ.

ދޮޅު ގަޑިއިރުގެ ޑައިރެކްޓަރަކީ އަޝްހަރު އަލީއެވެ. އަދި މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހުމަދު ޒަރީރެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝަރާ، އަދުނާން އަދި މުހައްމަދު ސައީދު ހިމެނޭއިރު ޓީވީ ޗެނެލްތަކުންނާއި ސްޓްރީމްޕްލެޓްފޯމްތަކަށް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

"ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ތައްޔާރުކުރި މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކޮށް ދެއްވީ ފަސްޓްލޭޑީ ފަޒުނާ އަހުމަދެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ގެންޑާ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. މިނިސްޓްރީން ބުނީ، ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ، ގެވެށި ގުޅުން ކެމްޕެއިނަކީ ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ހިލޭ އެހީން ޚަރަދުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.