ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ދައުވާކުރި ކުޑަކުއްޖާގެ އަދަބު 10 އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފިއެވެ.

އެކަން ކަށަވަރު ކޮށްދެއްވާ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާގެ އަދަބު 10 އަހަރަށް ލުއިކޮށްދީފައިވާ ކަމަށެވެ.

އެ ކުޑަކުއްޖާގެ އަދަބު ލުއިކޮށްދެއްވާފައިވާއިރު އޭނާގެ މައްޗަށް ހައިކޯޓުގެ ފަނޑިޔާރުގެ އިއްތިފާގުން 18 އަހަރާއި 9 މަހަށް ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެކުއްޖާއަށް މިހާރު 18 އަހަރުވެފައިވީ ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލަ ކުރިއަށް ގެންދާނީ ހަމައެފަދައިން ކަމަށެވެ. މި މައްސަލާގައި އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި މަރަށް މަރު ހިފުމަށް އެދުނު ނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބެއް ނުދެވެއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހަކަށާއި ކުޑަކުއްޖަކަށެވެ. ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.