ޕޮންޒީ ސްކީމްގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭގެ އިތުރު ދެ ކޮއްކޮ އަދި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނީގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ކިންގްސް ކެޕިޓަލް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އަލްހާންގެ މައްޗަށް ކުރަނީ މަނީލޯންޑަރިންގެ ތުހުމަތުތަކެވެ. އެ މައްސަލާގައި އަލްހާންގެ ޕާސްޕޯޓް ހިފަހައްޓް ދިރިއުޅެމުންދާތަން ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. މީގެ ކުރިން ފުލުހުން ވަނީ އަލްހާންގެ ފޯނު ހިފަހައްޓާފައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ އެ މައްސަލާގައި ހަތަރު ފަރާތަކަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަލްހާނުއާއި ޝަހުބާން ފަހުމީއާއި ޝަޒްބާން ފަހުމީގެ އިތުރުން ކިންގްސް ކުންފުނި ކަމަށެވެ.

ޝަފީއު ވިދާޅުވީ ދައުވާކޮށްދިނުމަށް އެދި އިއްޔެ ފޮނުވާފައިވާ ކަމަށާއި އެކަމާ ގުޅިގެން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މީގެ ކުރިން ފުލުހުން ހާމަ ކުރި ގޮތުގައި އެކި ފަރާތްތަކުން (1684 މީހެއް އަތުން) އެ ކުންފުނިން 98 މިލިއަން ރުފިޔާ ނަގާ އެ ފައިސާ އެ ފަރާތްތަކަށް އަނބުރާ ނުދައްކައެވެ. ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000 ރުފިޔާ އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި މަހު އަމުރު ވެސް ކޮށްފައި ވެއެވެ.

ނަމަވެސް އޭނާ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފައިވާއިރު އަލްހާން ވިދާޅުވެފައި ވަނީ މަނީ ލޯންޑާ ކުރި ކަމަށް ބުނެ އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކީ އޭނާއަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.