އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުން މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ ޕީޖީގެ ލީޑަރުގެ މަގާމުން އަސްލަމް ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ވާހަކަ ނިމުމުންނެވެ.

އަސްލަމް ވަނީ އެމްޑީޕީގެ ފަރާތުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އަސްލަމް އިންތިހާބުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ދައުރު ހަމަވުމުން އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރެވެންދެން އަސްލަމް ހުންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައެވެ.

މަޖިލީހުގެ ރައީސްކަމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިއްޔެ އިސްތިއުފާ ދެއްވުމުން، އެ މަގާމަށް އާ ރައީސެއް ހޮވުމަށްޓަކައި ބޭއްވި ޖަލްސާގައި ޑިމޮކްރެޓުންގެ ޕީޖީ ލީޑަރު އާޒިމާ ވާދަކުރައްވައި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވީ 30 ވޯޓުގެ ތަފާތުންނެވެ.