ދައުލަތުން ކުރިއަށްގެންދާ 5 މިލިއަން ރުފިޔާ އިން މަތީގެ ހުރިހާ ޕްރޮކިޔުމެންޓުތަކުގެ ބިޑް ދެން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީއިން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ އެ ގޮތަށް ނިންމާފައި ވަނީ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަންވެރިން ހުށަހަޅާ ބީލަންތައް ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

މިއަދު ނެރުނު ސާކިއުލާގައި ބުނެފައި ވަނީ 5 މިލިއަން ރުފިޔާއިން މަތީގެ ހުރިހާ ޕްރޮކިއުމަންޓް ތަކެއް ބީލަން ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެހެން މިހާރު ފަރުމާކޮށް ނިމިފައިވާ ކަމަށެވެ. އެހެން ކަމުން، ދައުލަތުގެ އާންމު ބަޖެޓުން ދެން އިއުލާން ކުރާ 5 މިލިއަން ރުފިޔާ އަށްވުރެ މަތީގެ ހުރިހާ ޕްރޮކިއުމަންޓްތަކުގެ ބިޑް ހުށަހެޅުން ބީލަން ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ބީލަން ޕޯޓަލް ފަރުމާކޮށްފައި ވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅޭނެއެވެ.