50 މެންބަރުންގެ ސޮޔާ އެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ދާދި ދެންމެ ގަރާރެއް ހުށަހަޅައިފިއެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި އެ ޕާޓީގެ 49 މެންބަރުންގެ އިތުރުން ދެން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާ ތަމްސީލުކުރައްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނީ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިހާބުކުރީ:

  • އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިގެން އެ ގްރޫޕުގެ މެންބަރުންގެ ވޯޓުން ކަމަށް
  • އީވާ އަށް ވޯޓު ދިނީ އެމްޑީޕީން އާންމުންނަށް ވި ވައުދުތައް ފުރިހަމަކޮށްދިނުމަށް ކަމަށް
  • އެމްޑީޕީގެ ސިޔާސަތުތައް ކުރިއަރުވާއި، އެ ޕާޓީ އަށް އިހްލާސްތެރިވާނެ ކަމަށް އިތުބާރުކޮށްގެން ކަމަށް

ނަމަވެސް އަމިއްލަ އަށް އެދިވަޑައިގެން އީވާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާތީ އާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކޮށްފައިވާ ޖަލްސާ ބޭއްވުމަށް ހުރަސްއަޅުއްވަމުން ދާ ކަމަށް އެއްބަސްވެވޭތީ އީވާ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

ހަމަ އެއާއެކު އީވާ ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅަކަށްވެ ހުންނަވައި، ނަޝީދުގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި އެ މައްސަލައިގެ ރިޔާސަތާ ހަވާލުވެވަޑައިގެން އެ މައްސަލައިން ތަނާޒުލުވެވަޑައިގަތުމަށް ދެކޮޅުހައްދަވާފައި ވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާ ހިލާފަށް ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް އަލުން ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ އިއްޔެއެވެ. އަދި ސޮއި އިއްޔެ ހަމަކޮށް، 50 މެންބަރުންގެ ސޮއި ހަމަކުރީ މިއަދުގެ ވަގުތެއްގައެވެ.

މަޖިލީހުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރާ އެކީގައެވެ. ނަމަވެސް ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި ގަރާރުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އީވާގެ މައްސަލަ އަލުން ހުށަހަޅަން އެމްޑީޕީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ ދެވަނަ ފަހަރަށް ވެސް ބޭރުކޮށްލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އީވާ އާއި، ހެނދުނު އެންމެ ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން ވަނީ ނިންމައިފައެވެ.