އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާއާ ގުޅިގެން އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށުމުން 'ވީ އާ އެޓް ވޯ' [އަހަރެމެން މިތިބީ ހަނގުރާމައިގަ] އޭ ބުނެ ހިޒްބުއްލޯ އިން ދިން މެސެޖާއެކު މުސްލިމުންނަށް އުއްމީދެއް ލިބުނެވެ.
އަދި އިޒްރޭލާއި ލުބުނާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރަން ވެސް ފެށިއެވެ. އެއީ ހިޒްބުއްލޯ އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީކަމަށް ވެސް ގިނަ ބަޔަކަށް ހީކުރެވުނެވެ.
އޭގެ ފަހުން ހިޒްބުއްލޯއާ ގުޅުން ހުރި އެކި އެކި ފަރާތްތަކުން އިންޒާރު ދެމުން ދިޔައީ، އިޒްރޭލުން ގާޒާއަށް އެއްގަމު މަގުން އަރައިފި ނަމަ އިޒްރޭލަށް ބިންހެލުމެއް ގެނުވާނެ ކަމަށާއި އިޒްރޭލު ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.
އެވާހަކަ ހިޒްބުއްލޯއަށް މަދަދު ދޭ އީރާނުންވެސް އެތައް ފަހަރު ބުންޏެވެ.
މިއަދު އިޒްރޭލުގެ ފައުޖުތަކުން ގާޒާގެ އެންމެ އެތެރެއަށް އަރާ ހިފަމުން ދާ އިރު، އީރާނުގެ އަޑެއް ބަޑެއް ނެތް އިރު ހިޒްބުއްލޯ އިން ބުނަމުން ދަނީ، އިޒްރޭލާ އެކު ކުރަން ޮއތީ ދިގު ހަނގުރާމައެއް ކަމަށާއި ކާމިޔާބު ވާނީ ދުވަހުން ކަމަށެވެ. އަދި ހަމާސްއިން ގާޒާގެ އެތެރޭގައި އިޒްރޭލުގެ ފައުޖުތަކާ ކުރިމަތިލަމުން ގެންދާ ކަމަށާއި އެކަމުން ދޭހަކޮށްދެނީ ހިޒްބުއްލޯ އާ ނުލައިވެސް މުޖާހިދުން ވަރުގަދަ ކަމުގައި ވެސް ބުނަމުން ދެއެވެ.
އެންމެ ފަހުން އެ ޖަމާއަތުގެ ރޫހާނީ ލީޑަރު ހަސަން ނަސްރުއްލޯ ބުނެފައި ވަނީ އިޒްރޭލާ ދެކޮޅަށް ފުރަތަމަ ފަހަރަށް ސުއިސައިޑް ޑްރޯން ބޭނުން ކުރަން ފަށާފައި ވާ ކަމަށާއި، އެއްގަމުން ވަޔަށް ފޮނުވާ މިސައިލް ވެސް ބޭނުން ކުރަން ފަށާފައި ވާ ކަމަށެވެ. އަދި އިޒްރޭލުން ދޭ ހަމަލާއަކަށް ހަމަލާއެއް ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް ހިޒުބުއްލޯ އިން ރޮކެޓެއް ފޮނުވާލައިފި ނަމަ އިޒްރޭލުން ރައްދު ދެނީ އެތައްހާސް ޓަނެއްގެ ބޮމުން ކަމަށް ވާއިރު އެއިން ކޮންމެ ހަމަލާއެއްގައި ހިޒުބުއްލޯގެ މަގާމުތައް އަންދާ އަޅިއަށް ހަދާލައެވެ.
އިޒްރޭލުން ގާޒާގެ އިންޗިއަކުން އިންޗިއަކުން ތަޅާ ސުންނާފަތި ކުރަމުން ގާޒާގެ މެދަށް ވަދެ ތިބި އިރުވެސް ހިޒުބުއްލޯ އިން އެބުނާ ބުންހެލުން ނުގެނެވުމުން، ގިނަ ބަޔަކު ދަނީ ހިޒްބުއްލޯ އަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް 1948 ގެ ނަކްބާ ހާދިސާއަށް ފަހު ފަލަސްތީނުން ބޭރުވާން މަޖުބޫރުވެ ލުބުނާނުގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ތައްޔިތުން ބުނަމުން ދަނީ، ހަނގުރާމައިގެ ތެރެއަށް ހިޒުބުއްލޯ އަށް ވަންނަން ނުކެރުމުން މާޔޫސް ވެއްޖެ ކަމަށެވެ.
އެމީހުން ބުނަމުން ދަނީ ހަނގުރާމަ ފެށުނު ފަހުން ދެފަހަރަކު ޓީވީ މެދުވެރިކޮށް ނަސްރުއްލޯ ބޮޑު ތަގުރީރެއް ދީފައި ވާ ކަމަށާއި އެ ތަގުރީރުތަކުގައި ހުސް ވާހަކަ ދެއްކުން ފިޔަވައި އަމަލީ ގޮތުން އިޒްރޭލާ ކުރިމަލާތް ނުކެރުނު ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.
އެމީހުން ބުނީ، ގާޒާގައި ތިބި އެމީހުންގެ އާއިލާތަކާއި އެކުވެރިންނާއި މުސްލިމުން އަދި އެހެން ދީންތަކުގެ މީހުން އިޒްރޭލު ސިފައިން މަރާ ހުސްކުރަމުން ދާ އިރު ހިޒްބުއްލޯ އަށް ނުކެރެންވީ ސަބަބެއް ނެތް ކަމަށެވެ. އެމީހުންގެ ގެދޮރާއި، ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އުމްރާނީ ހުރިހާ ވަސީލަތެއް ބިމާ ހަމަކޮށް މުޅި ގާޒާ ސަހަރާއަކަށް ހަދަމުން ދާ އިރު ބަލަހައްޓައިގެން ތިބެނީ ކީއްވެ ކަމެއް ނޭނގޭ ކަމަށެވެ.
ހިޒްބުއްލޯގެ އިތުރުން އަރަބި ދުނިޔެވެސް ބުރަވަނީ ފަހަތު ފަޔަށެވެ. އިޒްރޭލުގެ އުދުވާން ހުއްޓުވުމުގައި އަރަބި ދުނިޔެވެސް ވަނީ ނުކުޅެދިފައެވެ. ފުރަތަމަ ފަހަރަށް އިއްޔެ އަރަބި ދުނިޔޭގެ ހުރިހާ ގައުމެއް ބައިވެރިވެ ސައުދީގައި ބޭއްވި މަހާސިންތާގައި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވީ ނަމަވެސް އިޒްރޭލާ ދެކޮޅަށް އިގއްތިސޯދީ އަދި ސިޔާސީ ފިޔަވަޅުތައް އެޅުމުގައި ވަނީ ހިޔާލު ތަފާތުވެފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އިޒްރޭލަކީ އަރަބި ތެލަށް ބަރޯސާ ވާ ދައުލަތަކަށް ވާ އިރު އަރަބިން ތެޔި ދިނުން ހުއްޓާލިޔަށް ގާޒާ ހަނގުރާމަ ނިމިދާނެއެވެ. ނަމަވެސް އަބަރި ގިނަ ގައުމުތަކަކީ އިޒްރޭލަށް ތެޔޮ ވިއްކާ އަދި ވިޔަފާރީގެ މުއާމަލާތް ހިންގާ ގައުމުތަކަށް ވާ އިރު އެފިޔަވަޅު އަޅާކަށް ނުކެރެއެވެ.
އިޒްރޭލުން ގާޒާގެ ނަސްލު ފުހެލުމުގެ ނުރައްކާ ޖަރީމާ ހިންގާ އިރު އުތުރުން ހިޒުބުއްލޯ އާ ދެމެދު ބަދަލު ކުރާ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފައި ވަނީ، އޮޅިގެންވެސް ހަނގުރާމައިގެ ތެރެއަށް ހިޒުބުއްލޯ ވަދެގެން ނުވާނެ ކަމަށާއި ވަދެއްޖެ ނަމަ ގާޒާއަށް ހަދާ ގޮތް ލުބުނާނަށް ވެސް ހަދާލާނެ ކަމަށެވެ. އަދި މިވަގުތު ގާޒާ އާ ދެކޮޅަށް ބޭނުން ކުރަމުން ދަނީ އިޒްރޭލުގެ އަސްކަރީ ބާރުގެ އެންމެ ޕަސެންޓެއް ކަމަށާއި، އެ ދަޖަރަ މަތިކޮށްފި ނަމަ ދެން ވާނެ ގޮތް ހިތަށް ގެނައުމަށް އޭނާ ވަނީ ހިޒުބުއްލޯ އަށް ގޮވާލާފައެވެ.
އިޒްރޭލުން ގާޒާއަށް އެތައްހާސް ޓަނެއްގެ ބޮން އަޅާ، މިސައިލް ހަމަލާ ދީ، އަދި ހަނގުރާމައިގައި ބޭނުން ކުރުން މަނާ ވައިޓް ފޮސްފަރަސް ހަތިޔާރު ބޭނުން ކުރަމުން، އެއަގަމު މަގުން ބުލްޑޯޒަރުތަކާއި ޓޭންކަރުތަކުގައި އަރާ ހަމަލާ ދެމުން ގެންދާ އިރު މުޅި ގާޒާގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ވީރާނާ ކޮށްލާފައެވެ. މަގުތަކާއި އަވަށްތައް ފުރިފައިވަނީ ފުނޑުފުނޑުވެ ވެއްޓިފައި ވާ އިމާރާތްތަކުގެ ގާކުނޑިތަކުންނެވެ. އެތައްހާސް ބަޔަކު އިމާާރާތްތަކުގެ ދަށުގައި މަރުވި ކުނިވެފައި ވާ އިރު ދިރި ތިބި މީހުންގެ ރުއިމުގެ އަޑުތައް ވެސް އިވެމުން ދެއެވެ. ނަމަވެސް ވަސީލަތެއް ނެތުމުން އިމާރާތްތަކުގެ ގާކުނޑިތައް ނަގާ އެމީހުން ސަލާމަތް ކުރެވޭނެ ގޮތެއް ގާޒާއަކަށް ނެތެވެ. ކަރަންޓާއި މުވާސަލާތާއި، ބޭހާއި ބޯފެނާއި، ކާބޯތަކެއްޗެއް ނެތެވެ. ބަނޑަށް މަރުވާން މިލިއަނަކަށް ވުރެ ގިނަ މީހުން ދޫކޮށްލާފައި ވާ އިރު، ގެދޮރު ތަޅާ ދުންނާފަތިކޮށް ގެއިން ނެރެލި މީހުންގެ އަދަދު ވެސް 1.5 މިލިއަނަށް އަަރައެވެ. މަގުމަތިން މީހަކު ފެނިއްޖެ ނަމަ ބަޑިޖަހާ މަރާލުމާއި ކުށެއް ނެތް އެތައް ކުދިންނެއްގެ ފުރާނަ ދުއްވާލުމުގެ ނުބައި ޖަރީމާ ޔަހުދީން ހިންގަމުން ދާ އިރު އެއީ ހިޒްބުއްލޯ އަށް ވެސް ޖެހޭނެ ހާލު ކަމަށް ޔަހުދީ ޑިފެންސް މިނިސްޓަރު ވަނީ ބުނެފައެވެ.
ލުބުނާނާއި އިޒްރޭލަކީ އިންވެގެން އޮންނަ ބޯޑަރެއް ހިއްސާ ކުރާ ދެފަރާތް ކަމަށް ވާއިރު، ދެފަރާތުގެ އަސްކަރީ މަގާމުތައް ހުރީ އަތުކޮޅަށް ހޫރާލައި ގާބުރިއަކުންވެސް ޖެހޭހާ ކައިރީގައެވެ. ނުވަތަ ފޮނުވާލައި މިސައިލް އޭގެ ފުރިހަމަ ބާރުމިނުގައި އަރާހާ ގާތް [40ކިލޯ މީޓަރު] ދުރުމިނުގައެވެ.
އިޒްރޭލާ އަލާ ބަލާއިރު ހިޒުބުއްލޯ އަކީވެސް ވަރުގަދަ ފައުޖެއްގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. 150،000 ސިފައިންނާއި ކުރު، މެދު އަދި ދުރު ރާސްތާ މިސައިލްގެ 100،000 މިސައިލް އޮވެއެވެ. ޓޭންކަރާއި ބަރުހަތިޔާރުވެސް އެބަހުއްޓެވެ. ނަމަވެސް އިޒްރޭލުގެ އަތުގައި އޭގެ ދެގުނައަށް ހަތިޔާރު ހުރި އިރު، މަދުވެއްޖެ ހާލަތެއްގައި އެމީހުނަށް އެހީވާން އެމެރިކާ އެބައޮތެވެ. އަރަބި އެކި އެކި ގައުމުގައި އެމެރިކާއިން އަސްކަރީ ބޭސްތައް ހަދައިގެން ތިބި އިރު އެއިން ކޮންމެ ތަނަކީ އަރަބި ކޮންމެ ގައުމަކަށް ހަމަލާ ދެވޭވަރުގެ ގާބިލުކަމާއެކު ފުރިހަމަ ކޮށްފައި ވާ ބޭސްތަކެވެ. އިޒްރޭލުގެ ބުޑުގައި މެޑިޓަރޭނިއަން ކަނޑުގައި އެމެރިކާގެ އެންމެ ވަރުގަދަ އަސްކަރީ މަނަވަރުތައް އެބަ އޮތެވެ. އެއިން ކޮންމެ މަނަވަރެއްގައި އަސްކަރީ މަތިންދާބޯޓުތަކާއި ބަރުހަތިޔާރު އެބަހުއްޓެވެ. ތައްޔާރީ ހާލަތުގައި އެތައްހާސް ސިފައިންނަކާއެކު އެމެރިކާ އެ އޮތީ އިޒްރޭލުން އިޝާރާތެއް ދޭން ދެނެވެ.
ހިޒުބުއްލޯގެ ފަހަތުގައި އޮތީ އެމެރިކާ އެންމެ ރުޅި އަންނަ އީރާނު ކަމަށް ވާއިރު، މިހާރުވެސް އިޒްރޭލާއި އެމެރިކާއިން ތުހުމަތު ކުރަނީ އަދި ބުނަމުން ދަނީ ހިޒްބުއްލޯގެ ހަމަލާތަކަކީ އީރާނުން ސްޕޮންސާ ކުރާ ހަމަލާތަކެއް ކަމަށެވެ. އަދި އީރާނަކީ އެންމެ ނުބައި ހަރުފަ ކަމަށާއި އެ ހަރުފައިގެ ބޯ ކަނޑާލާނެ ކަމަށެވެ. ނުވަތަ އީރާންވެސް ފުނޑުފުނޑު ކޮށްލާނެ ކަމަށެވެ.
ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ގާޒާއަށް އެހީވުމަށް ހިޒްބުއްލޯ އިން މިހާރުވެސް އަދާ ކުރަމުންދާ ދައުރަކީ އެކަށީގެންވާ ދައުރެކެވެ. އެ ހަމަލާތަކުގެ ސަބަބުން ގާޒާއަށް ދޭން ވާ ފުރިހަމަ ސަލާމުކަން އިޒްރޭލަށް ނުދެވޭ ކަމަށާއި އެމީހުން ކުރާ ވަރުވެސް ގާޒާ އާ ޖެހިގެން އޮންނަ މިސްރާއި، އުދުރުން އިން ނުކުރާ ކަމަށެވެ.