އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާގެ ކޯރަމް ހަމަނުވުމުން މެދުކަނޑާލައިފިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ކޯރަމް ހަމަވޭތޯ މަޑުކުރައްވަން ގަސްދުކުރައްވާ ކަމަށެވެ.

"އިރުއިރުކޮޅާ ކޯރަމް ބެލް ޖަހައިގެން ކޯރަމް ހަމަވޭތޯ އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން،"

އީވާ ވިދާޅުވީ، ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދު ލާޒިމްކުރާ ކަމަށާއި، ބަޖެޓުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނުނިމިއްޖެ ނަމަ އާ ސަރުކާރަށާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިވާނެ ކަމަށެވެ.

ހަމަ އެހެންމެ ދައުލަތުގެ ބަޖެޓު ރައްޔިތުން ކުރާ އަމިއްލަ ވިޔަފާރި އާ ވެސް ގުޅިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

އެއާއެކު، އީވާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވެސް އަލިއަޅުވާލައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި އޮތަސް މަޖިލީހުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަންކަން އަދި ގާނޫނުއަސާސީން ލާޒިމްކުރާ ކަންކަން ކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުން ސާފެވެ.

"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް މަޖިލިސްގެ އިދާރާއިންނާއި މަޖިލިސްގެ ރިޔާސަތުން މިއަދު އަވަހަށް އަޅުގަނޑުމެން އަވަސްވެގަތީ ދައުލަތުގެ ބަޖެޓު އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިއަދުގެ ޖަލްސާ ނުފެށިގެން ލަސްވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާޒިރުވެވަޑައިނުގަތުމުން ނޫން ކަމަށާއި، ނަމަވެސް އެމްޑީޕީގެ މެންބަރުން ބޭރުގައި ތިއްބެވުމުން ކަމަށެވެ. ޖަލްސާ ކުރިއަށް ގެންދާނެ ގޮތް އެނގޭނީ ކޯރަމް ހަމަވުމުން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އެހެން ވިދާޅުވުމަށް ފަހު ޖަލްސާ މެދުކަނޑާލެއްވީއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާތީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އެޖެންޑާ ކޮށްފައިވާ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އުޒުރުވެރިވެވަޑައިގަންނަވާ ކަން ހާމަކުރައްވައި ނަޝީދަށް ވަނީ ސިޓީ އެއް ފޮނުއްވައިފައެވެ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހަޅަންވާނެއެވެ. އަދި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ބަޖެޓު ފާސްކުރަންވާނެއެވެ.

ނަމަވެސް ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ އޮއްވައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާދެއްވުމުން، އަމީރު ނިންމެވީ، ބަޖެޓު ހުށަހެޅުމަށް އެންމެ ފުރަތަމަ އެޖެންޑާކުރި ތާރީހު ކަމަށްވާ މިދިޔަ މަހު 30 ގައި ބަޖެޓު ހުށަހެޅުމަށް މަޖިލީހުން އެޖެންޑާކުރި ނަމަވެސް، ޖަލްސާ އަށް ހާޒިރުވެވަޑައިނުގަތުމަށެވެ.