ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ 'ދަ ޕްރެސް' އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޝިފާއު ވިދާޅުވީ، އީވާ ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށްޓަކައި 40 އަށް ވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށާއި، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް އެ ގަރާރު ހުށަހެޅޭ ވަރު ވާނެ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމަށް އަލުން ހުށަހެޅުމުގެ މަސައްކަތް އެމްޑީޕީން ފެށީ އިއްޔެއެވެ. އީވާ ވަކިކުރުމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މީޑިއާގައި ވިދާޅުވި ނަމަވެސް، 'ދަ ޕްރެސް' އިން ސުވާލުކުރުމުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް އިއްޔެ ވިދާޅުވި ގޮތުގައި، އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް އަލުން ހުށަހެޅުމާ މެދު ވަކި ގޮތެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނުނިންމައެވެ.

އެކަމަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވިދާޅުވީ، އީވާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ވައްދަން ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެ ކަމަށާއި، އިތުރު މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ގަރާރެއް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރާ އެކީގައެވެ. ނަމަވެސް ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެއްދި ގަރާރުތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އީވާގެ މައްސަލަ އަލުން ހުށަހަޅަން އެމްޑީޕީން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މައްސަލަ ދެވަނަ ފަހަރަށް ވެސް ބޭރުކޮށްލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އީވާ އާއި، ހެނދުނު އެންމެ ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ސުލޫކު ކޮމިޓީން ވަނީ ނިންމައިފައެވެ.