މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ ނުކުތާ އާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރު، ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ބޭރުކުރެއްވީ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެންބަރަކު އެ ޖަލްސާގެ ރިޔާސަތު ނުބަލަހައްޓާ ގޮތަށް ކުރިއަށް ގެންދިއުމަށް، ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ލަފާދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ޖަލްސާ އެއް ބޭއްވިއެވެ. އެގޮތުން:

  • ފުރަތަމަ ޖަލްސާ: ހެނދުނު 9 ޖެހިއިރު ބޭއްވު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް ވަނީ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓުންގެ މެންބަރުން ހުށަހެޅި ނިޒާމީ ނުކުތާތައް ގަބޫލުކުރައްވައި ގަރާރު ބޭރުކުރެއްވުމަށް ފަހު، އަލުން އެ ހުށަހެޅުމަށް އަންގަވާފައި
  • ދެވަނަ ޖަލްސާ: އެ ދުވަހުގެ ހެނދުނު 11:30 ގައި އޮތް ޖަލްސާ އަށް ސަލާމުގައި ހުންނެވުމަށް ފަހު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތުމަށް ފަހު ވަނީ، އަފީފްގެ ނިންމެވުން ދަމަހައްޓަވާފައި

މި މައްސަލައިގައި އަފީފާއި އީވާ މެންބަރުންގެ އިމްތިޔާޒުތަކަށް އަރާވަޑައިގެންފައިވާ ކަމަށް ސުލޫކު ކޮމިޓީން ނިންމައި، އެ ކޮމިޓީން ވަނީ ނަޝީދުގެ މަސްލަހަތު އޮންނަ އެއްވެސް މެންބަރަކު ރިޔާސަތު ނުބަލަހައްޓާ ގޮތަަށް ކުރިއަށް ގެންދިއުމުގެ ލަފައަކަށް އާންމު ކޮމިޓީގައި އެދުމަށް ނިންމައިފައެވެ. އެހެންވެ އާންމު ކޮމިޓީން ނިންމީ މިކަމުގައި ބަންޑާރަނައިބުގެ ލަފައެއް ހޯދުމަށެވެ.

ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރިފްއަތު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާ އާއި 168 ވަނަ މާއްދާ އާއި 169 ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުން ހުށަހަޅާ އާންމު ގަރާރުތަކާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާ އާއި 168 ވަނަ މާއްދާ އާއި 169 ވަނަ މާއްދާގައިވާ ގޮތުން:

  • މަޖިލީހުން ހަމައެކަނި ކަމަކާ ދޭތެރޭ ދެކޭގޮތް ހާމަކުރުމަށްޓަކައި، އަދި ހިންގުމުގެ އުސޫލުތައް ބަޔާންކޮށް އެ އުސޫލުތަކަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށް ގަރާރު ހުށަހެޅޭނެ
  • މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ގަރާރުގެ މައްޗަށް ވެސް ހިނގާނީ އާންމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާނެ އުސޫލު
  • ބިލަކާ ބަލާއިރު ގަރާރުގައި ދެ ތަފާތެއް ހުރޭ، އެއީ ދީބާޖާއެއް އެކުލެވިގެންވުމާއި ގަރާރު ފާސްވުމުން ބިލު ތަސްދީގުކުރުމަށް އޮންނަ އުސޫލުން ތަސްދީގުކުރުމަށް ގަރާރު ފޮނުވަން ނުޖެހުން

ރިފްއަތު ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތަކީ ޖުމްލަ މެންބަރުންގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މެންބަރުން ނުވަތަ އެއަށް ވުރެ ގިނަ މެންބަރުންގެ ސޮއި އޮތުމާއި، މަޖިލީހުގެ ރައީސް ވަކިކުރުމަށް ފެންނަ ސަބަބު އެ ގަރާރުގައި ބަޔާންކޮށްފައިވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހައްދަވާ މެންބަރުންނާއި މަސްލަހަތު ފުށޫއަރާ އެއްވެސް މެންބަރަކު ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަންދޭންޖެހޭނެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް،" ރިފްއަތު ކުރެއްވި ޕޯސްޓުގައިވެއެވެ.

ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ގަރާރު މަޖިލީހަށް ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ޑިމޮކްރެޓުން ބުނި ނަމަވެސް، އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، އާންމު ގަރާރާއި މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރަކީ ތަފާތު ދެ ވައްތަރެއްގެ ގަރާރެެއް ކަމަށާއި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ އިދާރާ އިން ވެސް ލަފާ ދިނީ ގަރާރުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.