ހަނގުރާމައިގައި އެންމެ ބޮން އަޅާ ހިސާބުކަމަށްވާ ނޯތު ޖަބައިލާގައި ހަލުގައި ޖެހިފައި ތިބި ގާޒާގެ 500 އާއިލާއަކަށް ދިވެހީންގެ ފަރާތުން ހޮޓްމީލް ޕެކްސް ބަހައިފިއެވެ.

އައިއޭސީން ބުނީ، ދިވެހިންގެ އެހީގައި ނޯތު ގާޒާގެ ޖަބައިލާއަށް 500 އާއިލާއަކަށް ހޮޓްމީލް ޕެކްސް ބަހާފައިވާ ކަމަށެވެ. ނޯތް ގާޒާގެ ޖަބައިލާ ސަރަހައްދަކީ އެންމެ ހަނގުރާމަ ބޮޑު އެއް ހިސާބު ކަމަށާއި ނޯތް ގާޒާގައި މިފަދަ އެހީ ދިނުމަކީ އުނދަގޫ ކަމެއް ކަމަށް އައިއޭސީން ބުނެއެވެ. އަދި ގާޒާގެ ބޭރުން އެހީވެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ގާޒާގެ އެތެރޭގައި މަސައްކަތް ކުރާ ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އައިއޭސީން ބުނެއެވެ.

މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ.

އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ. އަދި މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.