މި ދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭތާ މިއަދަށް 36 ދުވަސް ވެފައިވާ އިރު، މި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 11،100 އަށް ވުރެ ވެސް މައްޗަށް ގޮސްފި ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނާ ގޮތުގައި، ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 11،100 އިން މައްޗަށް އަރާފައިވާ އިރު، އޭގެތެރޭގައި 8000 ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އޮކްޓޯބަރު 7 ގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 28000 އިން މައްޗަށް ގޮސްފައިވާ ކަަމށް ވެސް އެ ވުޒާރާއިން ބުނެއެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި އިޒރޭލްގެ އަސްކަރިއްޔާއިން ހޮސްޕިޓަލްތަކަށް އަމާޒުކޮށް، ދެމުންދާ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދުތަކުގެ ސައްހަ ތަފާސް ހިސާބުތައް އިއްޔެ ނެރެފައި ނުވާ ކަމަށް އެ ވުޒާރާއިން ނެރުނު ބާޔާނެއްގައި ބުނެއެވެ. 1130 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މިހާރު ބެލެވޭ އިރު، ގާޒާއިން މަރުވި މީހުންގެ އަދަދު 11،100 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިހާރު އިޒްރޭލުން ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުން އަންނަ އިރު، އަލް ގުދުސް ހޮސްޕިޓަލް އަށް ކަރަންޓާއި ތެޔޮ ނުލިބޭތީ އެ ހޮސްޕިތާލްގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ. ހަމައެއާއެކު އަލް ޝިފާ ހޮސްޕިޓަލަށް ދެމުން އަންނަ ހަމަލާތަކުގައި އެ ހޮސްޕިޓަލްގެ ކާދިއކެް ވޮޑު ހިންގަމުންދާ ދެބުރީގެ އިމާރާތް ހަލާކުވެފައިވާ ކަަމަށް ވެސް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ރޭ އެ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮކްސިޖަން ނުލިބުމުގެ ސަބަބުން ވެންޓިލޭޓަރުތަކުގައި ތިބި 39 ކުދިން ވަނީ މަރުވެފައެވެ.
ގާޒާގެ ހޮސްޕިޓަލްތަކުގައި ތިބި މިހުން އެ ތަން ދޫކޮށް ދިއުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން އިންޒާރު ދެމުން އަންނަ އިރު، ވަކި މަގުތަކަކުން ފައިމަގުގައި އަދި އެމްބިއުލާންސްގައި ހޮސްޕިޓަލްތަކުން އާންމުންނަން ނިކުމެވޭނެ ކަމަށް ވެސް އެ އަސްކަރިއްޔާއިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ ހޮސްޕިޓަލްތަކުން ނިކުންނަން މަސައްކަތް ކުރާ އާންމުންނަށް ހަތިޔާރު އެޅި ސިފައިން ބަޑި ޖަހައި އަންނަނީ ހަމަލާ ދެމުންނެވެ.