ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވައިލައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 1445 ވަނަ އަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖަށް ދާ މީހުންްގެ ލިސްޓަށް ނަން ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންނަށް ހާއްސަ ފުރުސަތު ދިނުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި މި ފުރުސަތު ހުޅުވާލާފައި ވަނީ ފަރުޟު ހައްޖު ކޮށްފައި ނުވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ހާއްސަ ހައްޖުގެ ޖާގައަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އަދި މި ފުރުސަތައް އެދޭ ފަރާތްތަކުން ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ ޖާގައަށް އެދޭ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީގެ އިތުރުން އެ ކުންފުނިން ކޮށްފައިވާ އިއުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސެޓިފިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ހާއްސަ ޖާގަތަކަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ކޯޓާ ލިބޭ އަދަދުގެ 5 ޕަސެންޓެވެ. ހައްޖުގެ އަޅުކަން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. 1444 ވަނަ އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް 1000 ކޯޓާ ވަނީ ސައުދީ ސަރުކާރުން ހަމަޖައްސާދީފައެވެ.