ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅާ ތައުދީބީ މައްސަލަތައް 75 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމައި މައްސަލަތައް، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސް ގެޒެޓު ކޮށްފިއެވެ.

"ތައުދީބީ މައްސަލަ" ތަކަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާމެދު ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން އިދާރީ ފިޔަވަޅު އެޅިދާނެ ހާލަތު ދެމިއޮތް ކަމަށް ބެލެވޭ ބާވަތުގެ ޝަކުވާއެވެ.

އެ އިސްލާހުގެ ގެނައުމުގެ ކުރިން ގަވާއިދުގައި ވަނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާ މައްސަލަތައް އެ ބޯޑަށް ބަލައިގަންނަތާ 3 މަސްދުވަހުގެ ތެރޭގައި އެ މައްސަލައަށް ގޮތެއް ނިންމަންވާނެ ކަމަށެެވެ.

އެ އިސްލާހުގައި ވާގޮތުން 75 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާއިރު، 75 ދުވަސް ހަމަވާއިރު ތަހުގީގު ނުނިމޭ މައްސަލަތައް ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާއިގެން އެ ބޯޑުން ނިންމާ ގޮތެއްގެ މަތީން މުއްދަތު އިތުރުކުރެވިދާނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

މީގެއިތުރުން އެ އިސްލާހުގައި ވަނީ އެ މުއްދަތުގެ ތެރޭގައި ކޮމިޓީއިން މައްސަލަ ބަލައި ނުނިމިއްޖެނަމަ، މައްސަލަ ނުނިމުނު ސަބަބާއި މައްސަލަ ބަލައި ނިންމޭނެ ތާރީހެއް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތުގެ އިތުރުން މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެ ކަމަށެވެ. އަދި މައްސަލަ ނުނިމިއްޖެނަމަ ގިނަވެގެން އިތުރު ކުރެވޭނީ 30 ދުވަސް ކަމަށެވެ.

މައްސަލަ ނުނިމުނުގެ ސަބަބުން އިތުރު ކުރާ މުއްދަތުގައި އެ މައްސަލައެއް ބަލައި ނިންމަންވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

އެ އިސްލާހުގައި "ބަންދު ދުވަސް" މާނަކޮށްފައި ވަނީ ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސް ކަނޑައަޅާ ދުވަސްތައް ހިމެނޭގޮތުން، ވަޒީފާއާބެހޭ ގާނޫނުގެ ބޭނުމަށް ކަނޑައަޅާފައިވާ ރަސްމީ ބަންދު ދުވަސްތަކަށެވެ.