ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، މަޖިލީހުގެ ރިޔާސަތުން ގަރާރު ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މިދިޔަ މަހުގެ ނުވަވަނަ ދުވަހު ދެވަނަ ފަހަރަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، އެ ދުވަހުން ފެށިގެން ނަޝީދުގެ މައްސަލަ އެޖެންޑާކުރި ހުރިހާ ދުވަހަކު ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

އެއާއެކު އެމްޑީޕީން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ މަޖިލީހުގެ 44 ވަނަ މާއްދާ އަށް އަމަލުކޮށް، އީވާ ނެތި ނަޝީދުގެ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ އިދާރާ އިން ހަވާލުކުރީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށެެވެ.

މިއަދުގެ ޖަލްސާ އަށް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރި ނަމަވެސް، ގަރާރުގެ މަސައްކަތް ފެށުމުގެ ކުރިން ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ހުށަހެޅި ގަރާރާ މެދު ސުވާލު އުފައްދަވައި ނިޒާމީ ނުކުތާ އެއް ނަންގަވައިފައެވެ.

"މިއަދު މި ހުށަހަޅާފައިވާ ލިޔުމަކީ ނުވަތަ އަޅުގަނޑަށް ފެންނަން އޮތް ލިޔުމަކީ ބިލެއްތޯ، މައްސަލައެއްތޯ، ކުއްލި މައްސަލައެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ، ނޫނިއްޔާމު ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މި ބުނާ ވަޒީރުން ވަކިކުރުމަށް ހުށަހަޅާފައިވާ ލިޔުމެއްތޯ، އަޅުގަނޑަށް މިއީ ކޮންކަމަކަށް ކޮން އެއްޗެއްތޯ ހުށަހަޅާފަ އެނގުނީމަ އަޅުގަނޑު ދެކޭ ގޮތުގަ އަޅުގަނޑުގެ ނިޒާމީ މައްސަލަ [ހުށަހަޅާނީ]،" އާޒިމް ވިދާޅުވިއެވެ.

މިއަދު ތަޅުމަށް ހުށަހަޅާފައިވާ މައްސަލަ އަފީފް ސާފުކޮށްދެއްވުމުން އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ގަރާރެއްގައި ވަކި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ގަވައިދު ބަޔާންކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން ގަރާރު ހުށަހެޅީ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ، ދީބާޖާ ފަދަ ބައެއް ބައިތައް މަދުން ބައެއް ކަންކަން ފުރިހަމަނުކޮށް ކަމަށެވެ. އެހެންކަމުން އެ ގަރާރު ހުށަހަޅަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަފީފް ވިދާޅުވީ، އާޒިމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަ ކަމަށާއި، އެމްޑީޕީން ގަރާރު ހުށަހެޅީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ގަރާރު ތަޅުމުން ބޭރުކޮށްލުމަށް ފަހު އަފީފް ވިދާޅުވީ ނަޝީދު ވަކިކުރުމަށް ހުށަހެޅި ގަރާރު އަލުން ހުށަހެޅުމަށެވެ.

އެވަގުތު އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ، ގަރާރު ބޭރުނުކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.