ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާގައި ވިހާ ވެއްޓިލޭޓަރުގައި ތިބި 39 ކުދިން ދާދި ދެންމެ މަރުވެއްޖެ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޔަހޫދީ އިޒްރޭލުން ހޮސްޕިޓަލަށް ހަމަލާ ދީ، ކަރަންޓް ވިއުގަ ހަލާކު ކޮށްލި އިރު އެތާނގައި ވެންޓިލޭޓަރުގައި ތުއްތު ކުދިން ތިއްބެއެވެ. ޑައިލަސިސް ހަދާ މީހުންވެސް ތިއްބެއެވެ. ވިހަން ވައްދާފައި ތިބި މީހުންނާއި، އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާއެކު ޖުމްލް 5000 މީހުން އެޑްމިޓް ކޮށްފައި ތިއްބެއެވެ.

ކަރަންޓް ނެތި ގިނަ އިރުތަކެއް ނުވެ، އޮކްސިޖަން ހުއްޓި އެ ތުއްތު މައުސޫމް ކުދިން މުދުނިޔެއާ އަލްވަދާއު ކިޔައިފި ކަމަށް ސިއްހީ ވުޒާރާއިން ދާދި ދެންމެ ވަނީ އިއުލާން ކޮށްފައެވެ.

ގާޒާ ސިއްހީ ވުޒާރައިގެ އޮފިޝަލް އަލް ބަޝަރު ވިދާޅުވީ، އެ ހޮސްޕިޓަލަކީ ގާޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށް ވާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާ 5000 މީހުނާއި ޒަހަމްތަކާއެކު ތިބި އެޑްމިޓް ނުކުރެވި ވާ 800 މީހެއް ގެ އިތުރުން ހިޔާވަހިކަން ހޯދަން އައިސް ތިބި އާންމުންނާއެކު ޖުމްލަ 50،000 އެއްހާ މީހުން ތިބި ހޮސްޕިޓަލެއް ކަމަށެވެ.

ހޮސްޕިޓަލްގެ އެތެރެއާއި ބޭރު ފުރި ގޯތިތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ޓެންޓް ޖަހައިގެން ތިބި އިރު، އިއްޔެ ބޮން އަޅާ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓް ޔުނިޓުގައި ތިބި އެންމެން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި ކޮމްޕައުންޑް އިމާރާތަށް ވެސް ބޮން އަޅާފައި ވާ އިރު އެތަންތަނާއި ހޮސްޕިޓަލްގެ މައި އއިމާރާތާ ވަނީ ގުޅުން ކެނޑިފައި ކަމަށާއި، މިހާރު މައި އިމާރާތަށް ވެސް ހަމަލާތައް އަމާޒު ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ޔަހޫދީ ސިފައިން ވަނީ ހޮސްޕިޓަލް ވަށާލާފައި ކަމަށާއި، ހޮސްޕިޓަލް ތެރެއާއި އަދި ބޭރުގައި މީހަކު ހަރަކާތްތެރިވާނަމަ [ހިނގާ ބިނގާ ވާނަމަ] ބަޑިޖަހަމުން ގެންދާ ކަމަށެވެ.

ގާޒާގެ ބަނދަރާ ކައިރިން ރޭމަލް ގެ އުތުރުގައި ހުންނަ ޝިފާ ހޮސްޕިޓަލަކީ، ސްޕެޝަލިސްޓް އެންމެ ބޮޑު ހޮސްޕިޓަލެވެ. ސާޖަރީތަކާއި، އެތެރެހަށީގެ ބަލިތަކާއި އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާދޭ އެކި އިމާރާތް އެ ކޮމްޕައުންޑްގައި ހުރެއެވެ.

ފަލަސްތީން އިސްތިއުމާރު ކޮށްގެން އިނގިރޭސީން ތިބި އިރު، އެމީހުން ބޭނުން ކުރި ބެރެކްސް ހޮސްޕިޓަލަކަށް ބަދަލު ކުރީ 1946 ގައެވެ. އޭގެ ފަހުން މިސްރުން ގާޒާ ބެލެހެއްޓި އިރު އެ ތަން ފުޅާކޮށް އިތުރު އިމާރާތްތައް ހަދާ ހިދުމަތްތައް ދެމުން އައިސް އިޒްރޭލުން ގާޒާ ހިފައި 1980 ގެ އަހަރުތަކުގައި ވެސް އެ ހޮސްޕިޓަލް ތަރައްގީ ކޮށްފައި ވެއެވެ.

މިއަދު އެއީ ފަލަސްތީނުގެ އެތައްހާސް ބައެއްގެ ދިރިހުރުމުގެ އުއްމީދެކެވެ. އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ނިކުންނަން މަޖުބޫރުވި އެތައްހާސް ބަޔަކު ހިމާޔަތް ހޯދައިގެން ތިބީ މިވަގުތު އެތާނގައެވެ.

މި ހޮސްޕިޓަލްގެ އިތުރުން އަލް ގުދުސް ހޮސްޕިޓަލާއި އިންޑޮނީޝިއަން ހޮސްޕިޓަލާއި އެހެން ހުރިހާ ހޮސްޕިޓަލަކަށް ދަނީ ހަމަލާ ދެމުންނެވެ. ގާޒާގައި ހުންނަ 36 ހޮސްޕިޓަލްގެ ތެރެއިން 21 ތަނެއް އެއްކޮށް ވަނީ ހަލާކު ކޮށްލާފައެވެ. ބާކީ ހުރި ތަންތަނަށް ހަމަލާ ދީ ކަރަންޓުގެ ހިދުމަތް ކަނޑާއި ސީދާ މައި އިމާރާތްތަކަށް ހަމާލަ އަމާޒު ކުރަމުން ގެންދާ އިރު އެއިން ކޮންމެ ހޮސްޕިޓަލެއްގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައި އެބައިއްބެވެ.

ގާޒާ މިހާރު ބަދަލުވެފައި ވަނީ، ފުރާނަ އަތްމައްޗަށް ލައިގެން ގޮތް ހުސްވެފައި ތިބި ބައެއްގެ ސަހަރާއަކަށެވެ. އަމާންކަން އޮތް އެއްވެސް ދިމާއެއް، ތަނެއް ނެތެވެ. ހުރިހާ ދިމާއަކުން ހަމަލާ ދެމުން ގެންދާ އިރު، ނަސްލެއް ނެތިކޮށްލުމުގެ ނުބައި ޖަރީމާގައި ދުނިޔޭގެ ބާރުތަކުން ދަނީ ބައިވެރިވަމުންނެވެ.