މަޖިލީހުގެ ތަޅުމުގެ އެކި މަރުހަލާތަކުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިންމު ބިލްތަކެއް ނުނިމި ހުރުމުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 7 ނޮވެންބަރު 2018 އިން ފެށިގެން މިއަދާ ހަމައަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖުމްލަ 153 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 120 ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ކަމަށާއި 1 ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ނުވާ ކަމަށް ވެއެވެ.

އަދި 2 ބިލެއް ސަރުކާރުގެ ފަރާތުން އަނބުރާ ގެންގޮސްފައި ވާއިރު މަޖިލީހުގެ އެކި މަރުހަލާތަކުގައި މިހާރުވެސް 30 ބިލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާގުޅޭ ބިލުތައް ކަމުގައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއ،ި ދިވެހިރާއްޖޭގެ ރަށްތަކުގެ ބިން ބޭނުންކުރުމާ ގުޅޭ އުސޫލުތައް އެކަށައަޅާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރި އާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައްވެސް ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކޯޓުތައް އެކުލެވިގެންވާގޮތް ބަދަލުކުރުމަށާއ، މެޖިސްޓްރޭޓުން އައްޔަންކުރުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށާއ،ި ފަނޑިޔާރުންގެ ފެންވަރު ބަލައި ވަޒަންކުރުމާގުޅޭ އުސޫލުތައް އިސްލާހުރުމަށްޓަކައ،ި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާ ގުޅުންހުރި ކަމާބެހޭ ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާފައިވާ މުހިންމު ގިނަބިލުތަކެއްގައ،ި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މަރުހަލާއެއް ނުނިމި ކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައ،ި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށާއ،ި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަ ދިޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް މުހިންމު އިސްހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތްވެސް މިހާތަނަށް މަޖިލީހުން ނިންމާފައި ނުވެއެވެ.