ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން އިބްތިދާއީ ތަހުގީގުކުރިއަށް ގެންދާނެ ރަނގަޅު އުސޫލެއް އަދި ނިޒާމެއް ގާއިމުވެފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އޮޑިޓް އޮފީހުން އާންމުކުރި އެންއައިސީގެ ޕާފޯމަންސް އޮޑިޓުގައި ވާ ގޮތުން 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 937 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު ނިމިފައިވަނީ 774 މައްސަލަކަމަށެވެ.
މި ރިޕޯޓްގައިވާ ގޮތުން ކޮމިޝަންގެ އިބްތިދައީ ތަހުގީގުކުރިއަށް ގެންދާނެ ރަނގަޅު އުސޫލެއް ނެތުމުގެ ސަބަބުން ކޮމިޝަނުން ފުރިހަމަ ތަހުގީގެއް ކުރަން ނުޖެހޭ މައްސަލަތަކުގައި ކޮމިޝަންގެ ވަސީލަތްތައް ބޭނުންކުރަންޖެހުމާ، އެންމެ އިސްކަންދީގެން ކުރިއަށް ގެންދަން ޖެހޭ މައްސަލަތަކުގައި ތަހުގީގު ލަސްވެ އިބްތިދާއީ ތަހުގީގުގެ މަގުސަދު ހާސިލުނުވުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބުނެފައެވެ.
މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެންއައިސީ އިން ހިންގާ ތަހުގީގުތަކުގައި މައްސަލަތައް ރައްދުވާ އިދާރާތަކުން އެންމެ ފުރިހަމައަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން މައްސަލަތައް ސާބިތު ކުރެވޭ މިންވަރަށް ތަހުގީގަށް ހެކި ހޯދިފައި ނުވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން ކޮމިޝަން އުފެދުނީއްސުރެން މިއަދާ ހަމައަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެއްވެސް މައްސަލައެއް ފޮނުވިފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓްގައިވަނީ މައްސަލަތަކަށް އިސްކަންދޭ ތަރުތީބެއް ނެތުމާއި އިންވެސްޓިގޭޓަރުންގެ އަތުގައި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން ތަހުގީގުތައް ދިގުލައިގެން ދާކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ އެކި އިދާރާތަކަށް ލަފާ ދިނުމަށް ފަހު، މި ހުށަހެޅުންތައް ފޮލޯއަޕްކޮށް މޮނިޓާ ކުރާނެ ގޮތް ބަޔާންކޮށް އުސޫލެއް އެކުލަވާލާފައި އަމަލުކޮށްފައި ނުވާކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.
ކޮމިޝަން އުފެއްދުމަށް ފަހު 2015 އިން 2019 އާ ދެމެދު ކޮންމެ އަަހަރެއްގައި ނިންމިފައި ވަނީ ތަހުގީގުކުރަމުން ދިޔަ މައްސަލަތަކުގެ 25 ޕަސެންޓަށް ވުރެ މަދުންކަމުން ބެކްލޮކް މައްސަލަތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް 2020 އާއި 2021 ގައި އޮންލައިންކޮށް ބަޔާން ނަގަން ފެށުމުން ބެކްލޮކް މައްސަލަތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުން އިސްނަގައިގެން ބަލާފައިވަނީ 6 ޕަސެންޓް މައްސަލަކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މި އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށް އިދާރާތަކުން މައުލޫމާތު ހޯދުމުގައި ދަތިވާ ހާލަތްތަކުގައި މައުލޫމާތު ހޯދުމަށްޓަކައި ގާނޫނާ އެއްގޮތަށް އަމަލުކުރުމާއި، އެކަންކަން ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް އެންއައިސީ އަސް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ. އަދި މިފަދަ މައްސަލަތަކުގައި ދުރާލާ އެޅޭ ފިޔަވަޅެއްގެ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގޭ ގޮތާއި ބާވަތާއި އަމަލުތައް ހިންގުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާ ކުރުމަށް ވަނީ ލަފާދީފައެވެ.
އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއީ އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިންގާ ގާނޫނާ ގަވާއިދާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކޮމިޝަނެވެ.