އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ އަލް މެޒާން ސެންޓަ ފޯ ހިއުމަން ރައިޓްސް އިން ބުނީ, މިހާރު ދިރި ތިބި ގާޒާގެ އާބާދީގައި ހިމެނޭ 2 މިލިއަނެއްހާ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ކާލާނެ އެންމެ ޕާން ފޮއްޗެއްވެސް ނުލިބޭ ކަމަށެވެ. ބޯލާނެ ފެން ފޮދެއް ނުލިބޭ އިރު އަރު ހިކި ހާންތިވާ މީހުންވެސް މިހާރު ފެންނަމުން ދާ ކަމަށެވެ. އަދި އިއްޔެ އާ ހަމައަށް އައިރު އިޒްރޭލުން ވަނީ, ގާޒާގައި ހުރިނަމަ ހުރި ބޭކަރީއެއް ސުންނާފަތި ކޮށްލައިފައި ކަމަށާއި އެއީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ގާޒާގެ ރައްޔިތުން ދިރިހުރުމަށް ކުރި އުއްމީދު ކަމަށެވެ.
އެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ވާއިރު ހާންތިވެގެން ކުދިންތައް ރޮއެ ގިސްލަމުން ދާ ކަމަށާއި މާޔޫސް ކަމާއެކު އުއްމީދެއް ނެތި އެކިއެކި ތަންތަނުގައި ގިނަ އަދަދެއްގެ ކުދިން އޮށޯވެ ވެސް ތިބޭ ކަމަށެވެ.
ގާޒާއިން ވާހަކަ ދެއްކި އަންހެނަކު ބުނީ, އެމީހުންނަށް ހީވަނީ ކޮންމެ ދުވަހަކު އެތައް 100 ފަހަރަކު އެމީހުން މަރުވާހެން ކަމަށެވެ. އެ ހާލުގައި އޭނާ އަށް ކޮށްލެވުނީ ދުއާއެކެވެ. "މާތް الله މި ހާލަތުން އަހަރެމެން މިންޖު ކުރައްވާށި, އަހަރެމެން ވަރުބަލި ވެއްޖެ, ގޮތް ހުސްވެއްޖެ" އެވެ.
އިޒްރޭލުގެ އާމީގައި ކުރިން މަސައްކަތް ކޮށް ރިޓަޔާ ކޮށްފައި ތިބޭ 'ބްރޭކިން ދަ ސައިލެންސް' ގެ ފަރާތުން ބުނީ, އިޒްރޭލުގެ މިހާރުގެ ސީނިއާ އޮފިޝަލުން ބޭނުން ކުރާ ބަސްމަގަށް ބަލާއިރު ގާޒާގެ މައްޗަށް ތަންފީޒު ކުރަމުން އެ ދަނީ 'ދަހިޔާ ޑޮކްޓަރައިން' ކަމަށެވެ. ދަހިޔާ ޑޮކްޓަރައިން އަކީ, 2006 ގައި ކުރި ލުބުނާން ހަނގުރާމައާ ގުޅިގެން އެކުލަވާލި އުސޫލެކެވެ. އޭގާއި ބުނާގޮތުން, ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި ހާއްސަކޮށް އާންމު ރައްޔިތުންންނަށް ހަމަލާ ދިނުމާއި އުމްރާނީ ވަސީލަތް ހަލާކު ކުރުމަކީ ހުއްދަ ކަމެކެވެ. އެހެން ކަމުން ގާޒާގެ އެތަން މިތަނަށް އަދި ހާއްސަކޮށް އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދެމުން ގެންދިޔުމަކީ އެ ޑޮކްޓަރައިން ތަންފީޒު ކުރަމުން ދާ ކަމުގެ ހެއްކެތް ކަމަށެވެ.
އެ ޖަމާއަތުން އިތުރަށް ބުނީ, އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުޔގެ ބަޔަކު މަރާ, އަސީރު ކޮށް އަދި ބައެއް މީހުން ގެއްލިފައި ވާކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެއާއެކު އިޒްރޭލުގެ ގިނަ ބަޔަކު ވާހަކަ ދައްކަނީ ބަދަލު ހިފަން ކަމަށެވެ. އެގޮތުން ގާޒާގައި ތިބި 2.5 މިލިއަން ރައްޔިތުންނަކީ މުޅިންވެސް 'ޓެރަރިސްޓުން' ކަމަށް ބުނެ ގާޒާ އެއްކޮށް ފުހެލަން އިޒްރޭލުގެ ސީނިއާ ލީޑާޝިޕުން ގޮވާލާކަމަށެވެ. މީގެ އިތުރުން ގާޒާގައި ތިބި މީހުން ގަދަ ބާރުން ވަޒަނުން ނެރެ ބޭރު ކުރަންވެސް ގޮވާލައި ކަމަށް ބުނެފައި ވެއެވެ.
އެވާހަކަތަކަށް ބާރު ލިބޭ އެހެން ބައެއް އުދުވާނުތައް ޔަހޫދީން ހިފާފައި ވާ ބިންތަކުގައި ވެސް ހިނގަމުން އެބަދެއެވެ. އެގޮތުން ހިފާފައި ވާ ބިންތަކުގައި ދިރިއުޅޭ ފަލަސްތީންގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ މަރާލުމާއި އަނިޔާ ކުރުމާއި, ގެދޮރުން ނެރެލުމުގެ ޖަރީމާތަކެއް ވެސް ދަނީ ހިންގަމުންނެވެ. އަދި އެމީހުން ގޮވާލަމުން ދަނީ އިޒްރޭލުގެ އާންމު ރައްޔިތުންވެސް ހަތިޔާރު ނެގުމަށާއި ފަލަސްތީނުގެ މީހަކު ފެނިއްޖެ ނަމަ ހަމަލާދޭންވެސް ގޮވާލައި ހިތްވަރު ދެމުން ގެންދެއެވެ.
ހަނގުރާމައިގެ ހާލަތު އެހެން މިސްރާބަކަށް ބަދަލުވަމުން ދާ އިރު ގާޒާގެ މައްސަލައިގައި އެންމެ ފުޅާދާއިރާއެއްގައި ވާހަކަ ދައްކަވާ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރެސް ވިދާޅުވީ, ގާޒާއިން ޝަހީދުވަމުން ދާ މީހުންނާއި ކުޑަކުދިންނަށް ބަލާއިރު އަދި ޝަހީދު ކޮށްލަމުން ގެންދާ ރޭޓަށް ބަލާއިރު އިޒްރޭލުން ހިންގާ އޮޕަރޭޝަނަކީ މުޅިން ގޯސް އޮޕަރޭޝަނެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އިރުތަށް އޭނާ ވިދާޅުވީ, އެކިއެކި ހަނގުރާމަތަކުގައި ކޮންމެ އަހަރަކުހެން މަރުވާ ކުޑަކުދިންގެ އަދަދުތައް ފެންނަން ހުރީ އެންމެ މައްޗަށް ވެސް 100 އިން ކަމަށެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގާޒާއިން ހާހުން ހާހުން ކުޑަކުދިން ޝަހީދުވެގެން ދިޔުމަކީ މުޅިން ނުބައި ސިގްނަލެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިއީ 2 ދައުލަތް ވަކިން ގާއިމު ކުރުމަށް ސީރިއަސް ކޮށް ފަށައިގަންނަން ވީ މުހިންމު ވަގުތު ކަމަށާއި ބައެއް ފަހަރު އެންމެ ގޯސް ހާލަތަކީ ފުރުސަތަކަށް ވެސް ބަދަލުވެގެން ދާ ކަމަށެވެ. މިހާރު 2 ދައުލަތުގެ ވާހަކަ އޮތީ ވާވެފައި ކަމަށާއި އެއްކަމެއްވެސް އެމަގަށް ނުހިނގުމުގެ ނަތީޖާއަކީ އެކަމުގައި ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދު ގެއްލިގެން ގޮސްފައި ވުން ކަމަށެވެ.
"ދެ ދައުލަތް ގާއިމުވެ ރައްކާތެރި ކަމާއެކު އުޅެވޭނެ ގޮތެއް އޮންނަން ޖެހޭނެ" ގުޓަރެސް ވިދާޅުވިއެވެ.
ހިތާފިތް ކުދިކުދި ވެއްޖެ.