ގާޒާ ހަނގުރާމަ ފެށިތާ 32 ދުވަސް ވީ އިރު، އިޒްރޭލުގެ 100 އުޅަނދެއް ހަލާކު ކޮށްލެވިއްޖެ ކަމަށް ހަމާސްގެ އެކައުންޓް ތަކުން ބުނެފިއެވެ.
ތުރުކީގައި ނެރޭ އޭއޭ ނޫހުން ބުނީ، ހަނގުރާމަ ފެށިފަހުން އެކި ދުވަސް މަތިން އެކި އަދަދަށް އިޒްރޭލުގެ އުޅަނދުތައް ހަލާކު ކޮށްލަމުން ދިޔަ ކަމަށާއި 32 ދުވަސް ވީ އިރު ޓޭންކަރާއި އަސްކަރީ އެހެނިގެން އުޅަނދު ހިމެނޭހެން 100 އުޅަނދެއް ހަލާކު ކޮށްލާފައި ވާ ކަމަށެވެ.
އަދި މިތަކެތި ހަލާކު ކޮށް ގޮއްވާލުމަށް ހަމާސް އިން ބޭނުން ކުރަނީ 500-2000 އެމެރިކާ ޑޮލަރުގެ ޝެލް [ބޮޑެތި އުންޑަ] ކަމަށާއި އިޒްރޭލުން ބޭނުން ކުރާ މެރްކަވާ މަރުކާގެ ޓޭންކަރެއްގެ އަގަކީ، 3.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
ހަތިޔާރު އެޅި ހަމާސްގެ ގޮފި އަލް ގަސަމް ބުރިގޭޑާ ހަވާލާދީ އެ ނޫހުން ބުނީ، މިދިޔަ ހޯމަ ދުވަހުވެސް އެ ޖަމާއަތުން އިޒްރޭލުގެ 27 ވެހިކަލެއް ހަލާކު ކޮށްލައި އިޒްރޭލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމް ކޮށްލާފައި ވާ ކަމަށެވެ.
މީގެ ކުރިން ހަމާސް އިން ހާމަ ކުރި ބައެއް މައުލޫމާތުގައި ހަނގުރާމަ ފެށިގެން މިއަދާ ހަމައަށް ޔަހޫދީ ސިފައިންގެ 320 މީހަކު މަރާލައި އެތައް ބަޔަކު ޒަހަމް ކޮށްލި ކަމަށް ވެސް ބުނެފައި ވެއެވެ. ހަމާސްގެ މި ވާހަކަތަކަށް އިޒްރޭލުން ރައްދެއް ދީފައި ނުވި ނަމަވެސް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ހަމަލާތަކުގައި މިހާތަނަށް 30 ސިފައިން މަރުވެ 260 ސިފައިން ޒަހަމްވެފައި ވާ ކަމަށެވެ.
ދެފަރާތުން ހާމަ ކުރާ އަދަދުތަކުގައި ބޮޑެތި ތަފާތުތައް ހުރި އިރު، ރޭ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިޒްރޭލު ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ، މިހާރު ކުރިއަށް ދާ އެއްގަމު އޮޕަރޭޝަންގައި ހަމާސްގެ ގިނަ އަދަދެއްގެ މުޖާހިދުން މަރާލައި، ގާޒާ ވަށާލައިފި ކަމަށެވެ. އަދި އިޒްރޭލުގެ ފައުޖުތައް ގާޒާގެ މެދުތެރެއަށް ވަދެފައި ވާ ކަަމަށާއި ހަމާސް އިން ބޭނުން ކުރާ އިމާރާތްތަކާއި، ކޮމްޕައުންޑްތަކާއި ކޮމާންޑް ސެންޓަރުތަކާއި ޓަނަލްތަކުގެ އިތުރުން ބިންގަރާސްތައް ވެސް ގޮއްވާލާފައި ވާ ކަމަށެވެ. އަދި ހަމާސްގެ ގާޒާ ގޮފީގެ ބޮސް ފިލާ ވަނީ ބަންކަރެއްގެ އަޑީގައި ކަމަށާއި އޭނާ ހޯދާ ދަމާ ނެރެ މަރާލާނެ ކަމަށެވެ.
މިވާހަކަތަކަށް ހަމާސް އިން އަދި ރައްދެއް ދީފައި ނުވާ އިރު ހަމާސް އާ ގުޅުން ހުރި ހަބަރުތައް ގެނެސްދޭ ފަލަސްތީން ކްރޯނިކަލް އިން ބުނީ، އެއްގަމު މަގުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން ދާ ކަމަށާއި ގާޒާގެ އިތުރުގެ 3 ސަރަހައްދެއްގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ކުރިއަށް ދާ ކަމަށެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަށާފައި ވާ ހަނގުރާމަ އިޒްރޭލަށް ކާމިޔާބު ކުރެވިދާނެތޯ ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ސަލާމް ފަޔާދު ވިދާޅުވީ، އިޒްރޭލަށް އެކަން ކާމިޔާބު ވުން ދުރު ކަމަށާއި ހަމާސް އަކީ ފިކުރެއް ކަމަށެވެ. އަދި ފަލަސްތީންގެ ތެރެއަށް ހަމާސް ފެތުރިފައި އޮތް ގޮތާއި ފުޅާމިނަށް ބަލާ އިރު ހަމާސް ނައްތާލެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.