މި އަހަރު ނިމުމުގެ ކުރިން މިފްކޯއަށް ތިން ބޯޓު ގެންނާނެ ކަމަށް އެ ކުންފުނި ބުނެފިއެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ފްލީޓަށް އިތުރު ކުރެވޭ ތިން ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ދަތުރު ފަށާފައިވާ ކަމަށާއި މި މަހުގެ 19 ވަނަ ދުވަހު އެ ބޯޓަށް ރާއްޖެ އާދެވޭނެ ކަމަށެވެ. އަދި "ޖަޒީރާ 104" އާއި "ޖަޒީރާ 105" މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ ޖަޒީރާ ސީރީޒްގެ މަސްކިރާ އެ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވެ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓުތަކެއް ކަމަށާއި އެ ތިން ބޯޓު އެ ކުންފުނީގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.
މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި އަހަރު ހަތަރު ބޯޓެއް ގަނެފައިވާ ކަމަށައި އެގޮތުން މި އަހަރުގެ މާޗް މަހު ރާއްޖެ ގެނައީ ޖަޒީރާ 103 ކަމަސާއި އެ ބޯޓު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ "ޖަޒީރާ 103" އަލީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުވާ ކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި 2021 ވަނަ އަހަރުވެސް ޖަޒީރާ 103 އާއި އެއް ސީރީޒްއެއްގެ އެއް އެޕޭސިޓީއެއްގެ ބޯޓެއް މިފްކޯގެ ފްލީޓާއި ގުޅި މަސްކިރުމުގައި މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.
މި ހިނގަމުންދާ 5 އަހަރު ތެރޭގައި ކެރިއާ ބޯޓަކާއެކު ޖުމްލަ 6 ބޯޓު މިފްކޯ ފްލީޓަށް އިތުރު ކުރެވިފައިވާކަން ފާހަގަކުރަމުން މިފްކޯއިން ބުނީ އެއާއެކު ކޫއްޑޫގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިޕްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި މުޅިން އަލަށް ގާއިމުކުރެވޭ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީވެސް ޝިފްޓަކަށް 120 ޓަނު ފްރީޒް ކުރެވޭ އަދި 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ގާއިމް ކުރެވޭ ސެންޓަރެއް ކަމަށެވެ.
މިފްކޯއިން ބުނީ މިހާރު އެ ދެ ސައިޓަށްވެސް ބޭނުންވާ ބިލްޑިން ސްޓްރަކްޗާ އާއި މައިގަނޑު ހުރިހާ މެޝިނަރީއެއް ސައިޓަށް ގެންދެވި އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ޖަޒީރާ ސީރީޒްގެ 3 ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމާއެކު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.