މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަމުން ދާ އަގު ކުޑަކުރުމަށް ނިންމާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މަސް ގަންނަ އަގު ރިވިއު ކުރަމުން އަންނަ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވެފައިވާ، މެސެޖުތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

މި ގޮތުން މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މެސެޖްތަކުގައި އޭނާ ވިދާޅުވެއެވެ. އަދި މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު އަގު ހުންނަން ޖެހޭނީ 20 ރުފިޔާއަށް ވުރެ ވެސް ދަށްކޮށް ކަމަށާ، އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅިގެން މިފްކޯ އިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރި ފަހުން އެ ކުންފުނިން މަސް ގަންނަމުން އަންނަނީ 25 ރުފިޔާއަށް ކަމަށެވެ. މިއަގަށް އިތުރު އެއްވެސް ބަދަލެއް ގެނެސް އަގު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރަމުން މިފްކޯ އިން ބުނީ އެ ކުންފުނިން މަހުގެ އަގު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީ އާއި އަދި ސަރުކާރުގެ އެއްވެސް އިދާރާއަކާއެކު ރަސްމީގޮތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

މަސްވެރިން ކިރާ މަހަށް ހަމަ އަގު ނުލިބޭ މައްސަލަ ބޮޑުވެފައި ވާއިރު މިކަމާ ގުޅިގެން މިފްކޯ އިން ބުނީ މަސް ކިރުމަށް ފަހު ނުދެވި ހުރި، ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކާ ހަލާސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުން ގެންދާނެ ކަމަށް ވެސް ބުނެއެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ އަގު 17ރުފިޔާ އިން 25 ރުފިޔާ އަށް ބޮޑުކުރީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު މަސްވެރިންގެ ފަރާތުން ލިބުނު ޝަކުވާތައް ބެލުމަށްފަހު އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މަހުގެ އަގަކީ ދުނިޔޭގެ ބާޒާރުގައި ފްލަކްޗުއޭޓް [ބަދަލުވަމުންދާ] އެއްޗަކަށް ވާއިރު، މަސް ގަތުމުގެ އަގުތަށް އެގޮތަށް ބަދަލު ނުކޮށް އެއް އަގެއްގައި ރާއްޖެގައި ހިފެހެއްޓުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިޔަފާރީގެ ތަޖުރިބާކާރުން ބުނެއެވެ.