އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީންގެ ނޫސްވެރިޔާ މުހައްމަދު އަބޫ ހަސީރާ އާއި އޭނާގެ އާއިލާގެ 42 މެންބަރުން ޝާހީދު ކޮށްލައިފި ކަމަށް ޕަލަސްތީންގެ ނޫސްތަކުން ބުނެފިއެވެ.

ވަފާ ނިއުސް އެޖެންސީން ބުނީ، މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން އަބޫ ހަސީރާގެ ގެއަށް އަމާޒުކޮށް ހަމަލާދީފައިވާ ކަަމަށެވެ. އޭނާއާއި އެ އާއިލާ އެއްކޮށް ޝަހީދު ވެގެން ދިޔައީ އެ ހަމަލާތަކުން ކަަމަށެވެ. އޭނާއާއެކު އެ އާއިލާގެ 42 މެންބަރުން ޝަހީދު ކޮށްލާފައިވާ އިރު، އޭގެތެރޭގައި އޭނާގެ ދަރިންނާއި ކޮއްކޮއިން ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނެއެވެ.

ހަމާސް ޖަމާއަތުން ބުނި ގޮތުގައި، އަބޫ ހަސީރާގެ ހަށިގަނޑު ފެނިފައި ވަނީ ބިމާވެފައިވާ އޭނާގެ ގޭގެ ގާކުނޑިތަކުގެ ދަށުން ކަމަށެވެ.

އަބޫ ހަނީފާ ދިރިއުޅޭ ގެއަކީ ގާޒާގެ ދެކުނުން މަސްވެރިންގެ ބަނދަރު ސަރަހައްދުގައި ހުންނަ ގެއެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ޖަމާއަތެއް ކަމަށްވާ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި 37 ނޫސްވެރިންގެ ތެރޭގައި އަބޫ ހަސީރާ ހިމެނެއެވެ. އެ ޖަމާއަތުން ޓްރެކް ކުރަމުން ދިޔަ 32 ނޫސްވެރިއަކު ޝަހީދު ކޮށްލާފައި ވާ އިރު، އޭގެ ތެރޭގައި ފަލަސްތީންގެ 32 ނޫސްވެރިން ހިމެނެއެވެ. ދެން މަރުވެފައި ވަނީ އިޒރޭލުގެ 4 ނޫސްވެރިއަކާއި ލުބުނާންގެ ނޫސްވެރިއެކެވެ.

ހަމަ އެއާކު މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ވަނީ އަލްޖަޒީރާގެ ބިއުރޯޗީފް ވައިލް ދަހުދޫގެ އަންހެނުންނާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅާއި، ކާފަ ދަރީގެ އިތުރުން އިތުރުން ގާތް ތިމާގެ މީހުން ޝަހީދުވެފައެވެ. މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާގައި މިހާތަނަށް ގާޒާއިން ވަނީ 4237 ކުޑަކުދިންނާ އެކު، ޖުމްލަ 10،328 މީހުން ޝަހީދު ކޮށްލާފައެވެ.