ފަލަސްތީނުގެ ގާޒާއަށް ޔަހޫދީ އިޒްރޭލުން ދެމުން ގެންދާ ލާ އިންސާނީ ހަމަލާތަކުގައި ޝަހީދުވެފައިވާ ހަށިތައް ކުއްތާތައް ކަމުންދާ ކަމަށް ބޭރުގެ ހަބަރުތަކުން ރިޕޯޓު ކޮށްފިއެވެ.
ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުގެ އެސިސްޓެންޓް ޕްރޮފެސަރު އޮފް ލޯ އެންޑް ފައިނޭންސްގެ ފައުންޑާ އަދި ޗެއާމަން، ރަމީ އަބްދުالله އާ ހަވާލާދީ ފަލަސްތީނުގެ ނޫސް އެޖެންސީ 'ގުދުސް ނިއުސް ނެޓްވޯކް' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުއްތާތައް ކަމުން ދަނީ ގާޒާގެ އިރުމައްޗާއި ހުޅަނގުގެ މަގުތަކުގެ އެއް ފަރާތުގައި ޝަހީދު ވެފައިވާ މީހުންގެ ހަށިތަކެވެ.
ގާޒާގެ އުތުރަކީ ހަނގުރާމައިގެ މައިދާނެއް ކަމަށާއި ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ގާޒާގެ ދެކުނަށް ދާން އިޒްރޭލުން ވަނީ އިންޒާރު ދީފައެވެ. އެއާއެކު ގިނަބަޔަކު ވަނީ ސަލާމަތް ކަން ހޯދަން ގާޒާގެ ދެކުނަށް ދިޔަ މަގުމަތީގައި ބޮމެއް ވައްޓާލުމުން ޝަހީދު ވެފައެވެ.
މީގެ އިތުރުންވެސް އިމާރާތްތަކުގެ ދަށުގައި އެތައް ސަތޭކަ މީހުންގެ ހަށިތައް ނުނެގި ކުނިވެފައިވާ ކަމަށާއި އިމާރާތްތަކުގެ ދަށުގައި ތިބި ބައެއް މީހުން ދިރިތިބި ނަމަވެސް އެމީހުން ނެރެވޭނެ އިތުރު ގޮތެއް ނެތް ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. އަދި ހަމައެހެންމެ ގާޒާގެ އުތުރު ސަރަހައްދުތަކުގައި ކާބޯތަކެއްޗާއި ބޯފެން މަދުވެ ބަނޑުހައިހޫނު ކަމުގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާ ކަމަށްވެސް ބޭރުގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އިޒްރޭލުން ހިންގަމުންދާ އުދުވާނީ ހަމަލާތަކަށް މިއަދަށް މަހެއް ވެފައިވާއިރު މިހާރު ގާޒާއަށް ވަނީ އިންސާނީ އެހީގެ އިތުރުން ބޭސްފަރުވާގެ ވަސީލަތްތަށް މަދުވެ އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ކުށެއް ނެތް އެތައް މުސްލިމުން މަރަމުން ދާއިރު ޔަހުދީ އިޒްރޭލުގެ ނިޔަތަކީ ގާޒާ ފުނޑުނުނޑު ކޮށްލުމަށް ފަހު އެތަން ހިސޯރު ކުރުން ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މިއަދު ބުނެފައެވެ.
ގާޒާއަށް ދެމުންދާ މި ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10،022 އަށް އަރާއިރު، ޒަހަމްވި މީހުންގެ އަދަދު 25،408 އަށް އަރައެވެ. އަދި ހުޅަނގު އައްސޭރީގައި 163 މީހުން ޝަހީދުކޮށްލާފައިވާ އިރު، 2،100 މީހުން ވަނީ ޒަހަމް ކޮށްލާފައެވެ.