އެމެރިކާއިން ފަންޑު ކުރާ ގާޒާގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލް އަލް ރަންތީސީ ވަގުތުން ހުސްކުރަން އަންގާ، އެތަނަށް ބޮން އަޅައިފިއެވެ.
އެތައް ބައިވަރު ކުުޑަކުދިންނާއި ހިމާޔަތް ހޯދަން ވަދެތިބި މީހުންނާއެކު ޖުމްލަ 1000 މީހުން އެ ހޮސްޕިޓަލްގައި ތިއްބާ ވަގުތުން ހުސްކުރަން އެންގުމަށް ފަހު ގިނަ އަރުތަކެއް ނުވެ، ޔަހޫދީން ވަނީ އެ ހޮސްޕިޓަލަށް މިސައިލެއް ފޮނުވާލާފައެވެ. އެ މިސައިލް އަމާޒު ކުރީ ހޮސްޕިޓަލްގެ 3 ވަނަ ފަންގެފިލާއަށް ކަމަށާއި އެތާ ތިބީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހުން ކަމަށް ހަބަރުތައް ބުނެއެވެ.
އެހާދިސާގައި ގިނަ ބަޔަކު ޒަހަމްވެ 8 މީހަކު ޝަހީދުވި ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން ލިބުނު ގެއްލުންތައް އަދި މުޅިން ސާފު ނުވާ އިރު އެ ހޮސްޕިޓަލުގައި ހިމާޔަތް ހޯދައިގެން ތިބި 1000 އެއްހާ އާންމުންވެސް ތިބިކަމަށް ބުނެއެވެ.
ހޮސްޕިޓަލްތަކާއި ކުޑަކުދިންނަށް އަމާޒު ކޮށް ކުރާ ހަނގުރާމަ އަކާ މި ހަނގުރާމަ ވައްތަރުވެއްޖެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނާ އިރު، ފާއިތުވި 14 ވަރަކަށް ދުވަހުގެ ތެރޭގައި 14 ހޮސްޕިޓަލަކަށް އަމާޒު ކޮށް އިޒްރޭލުން ވަނީ ހަމަލާ ދީފައެވެ. އެއިން ކޮންމެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ ކުޑަކުދިންނާއި އާންހެނުންނާއި އާންމުންގެ ތެރެއިން ބަޔަކު ޝަހީދުވެފައި ވެސް ވެއެވެ.
އިޒްރޭލުން ބުނަނީ، ހަމާސްގެ މުޖާހިދުން ފިލާ ތިބެނީ ހޮސްޕިޓަލްތަކުގައި ކަމަށެވެ. ޓަނަލްތައް ހަދާފައި ވަނީ ހޮސްޕިޓަލްތަކުގެ ދަށުގައި ކަމަށެވެ. އެމީހުން އައްޑަނައެއްގެ ގޮތުގައި އެތަންތަން ބޭނުން ކުރާ އިރު، އެތަންތާނގައި ތިބޭ ބަލި މީހުންނާއި ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ވައްޓާލަނީ ހަމާސް އިން ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން ރޮއިޓާސް އިން ބުނީ، އެމީހުން އިޒްރޭލުގެ އިދާރާތަކުގައި ސުވާލު ކުރުމުން ހަމަލާ ދިން މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައި ވާ ކަމަށެވެ.
ފަލަސްޓާއިން ޗިލްޑްރަންސް ރިލީފް ފަންޑުން 2019 ވަނަ އަހަރު ހެދި އެ ހޮސްޕިޓަލަކީ އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެކެވެ. އެތާނގެ 3 ވަނަ ފަންގެފިލާ ހާއްސަ ކޮށްފައިވަނީ ކެންސަރަށް ފަރުވާ ހޯދާ ކުޑަކުދިންނަށެވެ. ހަމަލާ ދިން ވަގުތު އެތާނގައި 10 ކުދިން އެޑްމިޓް ކޮށްފައި ތިބި ކަމަށާއި ހޮސްޕިޓަލް ހުސްކުރަން އަމުރު ކުރިނަމަވެސް އެ ކުދިން ތިބީ އެހެން ތަނަކަށް ގެންދެވޭ ހާލަތަށް ވުރެ ހާލުގައި ކަމަށް ގާޒާގެ ސިއްހީ އިދާރާއިން ބުނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 10000 މީހުން ޝަހީދު ކޮށްލާފައި ވާ އިރު އޭގެތެރެއިން 4100 އަކީ ކުޑަކުދިންނެވެ.