މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީންގެ އެތައް ހާސް ބަޔަކު ޝަހީދުވެ ޒަހަމްވެފައިވާ ވާހަކައަކީ އާ ވާހަަކައެއް ނޫނެވެ. ސޯޝަލް މީޑިއާއިން ފެންނަމުން ދާ ވީޑިއޯތަކާއި ފޮޓޯތަކުން ފަލަސްތީންގެ ހާލަތު ފެނި ލޮލުން ކަރުނަ ހިލި ހާލުގައި ޖެހިފައިވާ މުސްލިމުންނަށްޓަކައި ހިތާ ހިތުން ދުއާ ކުރަން އަތް އުފުލާލެވޭ އަދަދު ގުނަން ދައްޗެވެ.

މިއީ ހަމައެކަނި ދިވެހިންގެ ހާލެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން ވެސް ފަލަސްތީންގެ ހާލަށް ހަމްދަރުދީވެ، އަޑުއުފުލަމުން ދިޔަ ނަމަވެސް ޔަހޫދީ އިޒްރޭލުން އަދިވެސް ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ.

އިއްޔެގެ ހަވީރު ރާއްޖެ ގަޑިން 5 ޖެހުމާ ހަމައަށް ގާޒާގެ އުތުރު ބިތުގައި ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލް އަސްކަރިއްޔާ އިން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އިޒްރޭލުން އިންޒާރު ދީފައި ވެއެވެ. އަދި އިންޒާރާ އެކު ގެދޮރު ދޫކޮށް ދާ މީހުންނަށް އަމާޒުކޮށް ވެސް ހަމަލާ ދީފައި ވެއެވެ.

އިއްޔެ ދިން އިންޒާރަށް ފަހު ރޭ އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތައް ވަރުގަދަ ކުރިއެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، ރޭން ފެށިގެން ގާޒާއަށް 450 ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ. ހަމަލާތައް ދޭން ފެށި އިރު، ގާޒާ މައްޗަށް ހީވީ އަލިފާން ބޯޅަތަކެއް އޮއްސަމުން ދިޔަ ހެންނެވެ. ދެމުންދިޔަ ހަމަލާތަކުގެ އަޑުފައްގަނޑު މުޅި ސަރަހައްދަށް ފެތުރިފައިވާ އިރު ގާޒާގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ރޭ ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 200 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށާއި އަދިވެސް އެތައް ބަޔަކު ކުނިތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށެވެ.

ރޭ ދިން ހަމަލާގެ ތަފްސީލަށް ބަލާއިރު، ގާޒާގެ މެދުތެރޭގައި މީހުން ދިރިއުޅޭ ތިން އިމާރާތަކަށް އަމާޒުކޮށް އިޒްރޭލުގެ ޖެޓްތަކުން ދިން ހަމަލާތަކުގައި 45 މީހަކު ވަނީ ޝަހީދުވެފައެވެ. ހަމައެއާއެކު ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގެ ދެ އިމާރާތަކާއި އުތުރުގެ ތަލް އަޒް-ޒަތާރުގެ އެއް އިމާރާތަކަށް އިޒްރޭލުގެ ޖެޓްތަކުން ދިން ހަމަލާތަކުގައި 15 މީހަކު ވަނީ ޝަހީދުވެފައެވެ.

ރޭ ގާޒާއަށް ދިން ހަމަލާގައި ޝާހީދުވި އެތައް ބައެއްގެ ހަށިގަނޑުތައް

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާގައި ހުރި ހަމައެކަނި ނަފްސާނީ ބައްޔަށް ފަރުވާދޭ ހާއްސަ މަރުކަޒު ވެސް ވަނީ ހަލާކުކޮށްލާފައެވެ. އަދި ގާޒާގައި ކުޑަކުދިންނަށް ފަރުވާދޭ ހޮސްޕިޓަލެއްގެ 3 ވަނަ ފަންގިފިލައަށް ވެސް އިޒްރޭލުން ހަމަލާ ދީފައިވާ އިރު، އެ ފަންގިފިލާއަކީ ކެންސަރު ބަލީގެ ކުދިންނަށް ފަރުވާދޭ ތަނެކެވެ.

7 އޮކްޓޯބަރުން އަދާ ހަމައަށް ގާޒާގެ އަޕްޑޭޓް:

  • ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 10،022 އަށް
  • ޝަހީދުވި ކުޑަކުދިންގެ އަދަދު 4600 އިން މައްޗަށް
  • ޝަހީދުވި އަންހެނުންގެ އަދަދު 2600 އިން މައްޗަށް
  • ޒަހަމްވި މީހުންގެ އަދަދު 26000 އިން މައްޗަށް
  • ވެސްޓް ބޭންކުން ޝަހީދުވީ 152 މީހުން ޒަހަމްވި 2100 މީހުން

ގާޒާގެ މަންޒަރުތަކަކީ އިންސާނުންނަށް ބަލަން ކެތްތެރިކަން ހުންނާނެ ފަދަ މަންޒަރެއް ނޫނެވެ. މެދުކެނޑުމެއް ނެތި ގާޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ބޮން އަޅަމުންދާ އިރު، ބަނޑުހައިހޫނު ކަމާ ކުރިމަތިލަމުން ދިޔަ އެތައް ބަޔަކު މަރުވެ، ބޭސްފަރުވާ ނުލިބި، ޒަހަމްވެފައި ތިބި އެތައް ބަޔަކު މިހާރު އެބަ ތިއްބެވެ.

ގާޒާއަށް ހަމައެކަނި ބޭނުންވަނީ ކަރަންޓާއި ފެނެއް ނޫނެވެ. ގާޒާގައި އެތައް ހާސް އިމާރާތްތަކެއް ފުނޑުފުނޑުވެފައިވާ އިރު، ގާކުނޑިތަކުގެ ދަށުގައި އެތައް ބަޔަކު ވަނީ ތާށިވެފައެވެ. ތާށިވެފައި ތިބި މީހުން ހޯދަން ވެސް ފުރުސަތު ނުދީ އިޒްރޭލުން ބޮން އަޅަމުން ދާ އިރު، ގާޒާ އޮތީ ލޭގެ ވާދީއަކަށް ބަދަލުވެފައެވެ. ގަބުރުސްތާންތައް ފުރި މީހުން ވަޅުލަނީ ވެސް ބޮޑެތި ވަޅުގަނޑުތައް ކޮނެ ޝަހީދުވި މީހުންގެ ހަށިގަނޑުތައް އެއް ވަޅުގަނޑެއްގައެވެ.

މި ލާއިންސާނީ އަނިޔާވެރިކަން ހުއްޓުވުމަށް އެދި އެތައް ބަޔަކު އަޑު އުފުލަމުން ދިޔަ ނަމަވެސް ދުނިޔޭގެ ބާރުހުރި އެތައް ބަޔަކު ފަލަސްތީނަށް އެހީވާން ދެކޮޅު ހަދައެވެ. އަނެއް ބަޔަކު ހަމައެކަނި ބުނެލާ ބަހަކުން އިޒްރޭލްގެ ހަމަލާތައް ކުށްވެރިކުރުން ނޫން ކަމެއް ނުކުރެއެވެ. މި ކަމަށް ފިޔަވަޅެއް ނާޅައި ތިބެފި ނަމަ މުޅި ތާރީހު ވެސް ނުދެކޭ ވަރުގެ ހިތާމަވެރި ބިރުވެރި ކަމަކާ ކުރިމަތި ލާން ޖެހިދާނެ ކަމަށް ބިރުވެތި ނުވަނީ ހެއްޔެވެ.

ހަނގުރާމައަށް ފަހު އެ ގައުމުގައި ތިބި ކުޑަކުދިންނަށް ނަފްސާނީ ގޮތުން އެތައް އެހީއެއް ވާން ޖެހޭނެ ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެއެވެ. ގާޒާގެ ބައެއް ވިޑިއޯތަކުން ފެންނަ މަންޒަރުތަކުން ކުޑަކުދިން ބިރުން ރޫރޫއެޅުން ނުހުއްޓެއެވެ. ޝޮކެއްގައި ތިބެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން އަންނަން އިރު، އެ ކުދިންނަށް ރޯލަން ވެސް ނޭނގި ގަބުވެފައި ތިބޭ ހިތްދަތި މަންޒަރު ބަލަން އުނދަގުލެވެ.

ހޮސްޕިޓަލްތަކުގައި އެ ކުދިންނަށް ފަރުވާ ދިނުމުގައި އުޅޭ ޑޮކްޓަރުން ބުނާ ގޮތުގައި މި ކުދިންނަށް ނަފްސާނީ ގޮތުން މި ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށާއި، ބޮޑެތި މީހުންނަށް ވެފައި ހުރި ވަރު ފެންނަ އިރު، އެ ކުދިންގެ ސިކުނޑިއަށް ކުރާނެ އަސަރު ބަޔާންކުރަން ދަތިކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ދިގު މުއްދަތަކަށް އެ ކުދިން ބޭސްކުރަން ޖެހޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

ގާޒާގައި ޒަހަމްވެފައިވާ ކުދިންތަކެއް / ފޮޓޯ: އޭޕީ

ޑޮކްޓަރުންގެ ބަހަކީ މިއީއެވެ. އެ މައުސޫމް ކުދިންތަކުގެ މޫނު މަތިން ފެންނަމުންދާ ހާސްކަމާއި ބިރުވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ އިހްސާސްތައް ކިޔައި ދޭން އެ ޑޮކްޓަރުންނަށް އިނގޭނެ ހެއްޔެވެ.

އާއިލާ އެކީ މި ދުނިޔެއިން ވަކިވި މަންޒަރު ހަމަލޮލުން ފެނުނު އެތައް ކުއްޖެކެވެ. ލޯ ކުރިމަތީގައި ދިރިއުޅެމުން ދިޔަ ގެ ހަލާކުވެ އަޅިއަށް ވެ ދިޔަ މަންޒަރު ފެނުނު އެތައް ކުއްޖެކެވެ. މަަރަށް ތެޅި ފޮޅޭ މީހުންގެ މަންޒަރާއި، ވޭނީ ހަޅޭކާއި ރުއިމާއި ތަކުބީރުގެ އަޑުތަކާއި، ހަމަލާތަކުގެ ގޮވާ އަޑުފައްގަނޑު އެ ކަންފަތްތަކުގައި ހުންނާނީ ހަރުލާފައި ކަން ޔަގީނެނެވެ. ދިރިހުއްޓަސް ދިރުމެއް ނެތް ފަދަ ގަބުކަމެއްގައި އެ ކުދިން ތަހައްމަލު ކުރާނެ ވޭން އަންދާޒާ ކޮށްލަން ދައްޗެވެ.

ގާޒާގައި ޝަހީދުވި މީހުންގެ ހަށިތައް / ފޮޓޯ: އޭޕީ

މި ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ގޮވާލަމުން އަންނަ އިރު، ދިރިހުރި ފުރާނައެއް ގާޒާ ފަސްގަނޑުގައި ތިއްބާ މި ހަނގުރާމައަށް ނިމުމެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ. ހަމާސްއަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ހަމަލާ ދީ އެ ސުންނާފަތި ކޮށްލަނީ 2.3 މިލިއަން މީހުންގެ އާބާދީއެކެވެ. މިއަދު 10،000 އިން މައްޗަށް ޝަހީދުވި މީހުން އަރައިގެން ދިޔައީއެވެ. ނިއުކްލިއާ މިސައިލްތައް ފޮނުވާނެ ކަމަށް ހަބަރުތައް ފަތުރަމުން އަންނަ އިރު މާދަމާ ޝަހީދުވި މީހުން ހަށިތައް ގުނާނެ މީހަކު އެ ފަސްގަނޑުގައި ހުންނާނެ ކަމަށް ގަބޫލު ކޮށްގެން ތިބެން ވީ ހެއްޔެވެ.