ފަލަސްތީނަށް އެހީވުމަށް އައްޑޫ ފޭދޫ އަވަށު އޮފީހުން ކުރިއަށް ގެންދިޔަ އާއިލި ހަވީރުން 50،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފޭދޫ އަވަށު އޮފީހުން ބުނީ. ފަލަސްތީނަށް އެހީވުމަށް ބޭއްވި އާއިލީ ހަވީރުން ލިބުނު 50,565 ރުފިޔާ، ފަލަސްތީނަށް ފޮނުވުމަށްޓަކައި މޯލްޑިވިއަން ރެޑްކްރެސެންޓްގެ އައްޑޫ ބްރާންޗާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، އެ ފައިސާ ހަވާލު ކޮށްފައިވާ ކަމަށެވެ.

މި އާއިލީ ހަވީރު ބޭއްވީ ފޭދޫ އަވަށު އޮފީހާއި ރެޑް ކްރެސެންޓްގެ އައްޑޫ ގޮތްޕާއި އީކްއޭޓަ ވިލެޖާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ފޭދޫ ސިއްހީ މަރުކަޒާއި ފޭދޫ ސްކޫލްގެ އިތުރުން މިޝްކަތު ފައުންޑޭޝަން ގުޅިގެންނެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.