ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އަނެއްކާވެސް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް މުހައްމަދު އިބްރާހިމް އެއް މަހަށް ސަސްޕެންޑްކޮށްފައިވަނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށް ފަހު، އެ މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއިކޮށްފައި ވާތީއެވެ.
މިއަދު ޖޭއެސްސީއިން ބުނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި މައްސަލަތަކުގެ ހުކުމާއި މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަ ދުވަސްވެ އެ މައްސަލަތަކަށް އިހުމާލުވެފައިވާ ކަމަށެވެ.
މި ފަހަރު މުހައްމަދު އިބްރާހިމް ސަސްޕެންޑްކޮށްފައިވަނީ ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އޭނާ ދައްކާކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވެފައިވާތީ އެ އަމަލުތަކަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތައް ކަމަށްވާތީއެވެ.
އެގޮތުން ޖޭއެސްސީއިން ބުނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މިއަދުން ފެށިގެން ދެ ހަފްތާއަށް މުހައްމަދު އިބްރާހީމް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 70 ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.