ރޭ އިޒްރޭލުގެ ގޮނޑުދޮށުގައި ތިބި މީހުން ހޯއް ގޮވާ އަތް ޖަހަމުން ދިޔައީ، ގާޒާގެ ޖައްވުން އަރަމުން ދިޔަ އަލިފާން ބޯޅަތައް ފެނި އުފަލުންނެވެ.

އެއީ ހަވާ އަރުވާތީއެއް ނޫނެވެ.

އެ އަލިފާން ބޯޅަ ތަކަކީ، ހައްދުފަހަނައަޅާފައި ވާ ޔަހޫދީ ސިފައިން ގާޒާއަށް އަޅަމުން ދިޔަ ބޮންތައް ގޮވަމުން ދިޔަ އިރު ގާޒާގެ ޖައްވުގެ ތެރެއަށް އަަރައިގެން ދާ އަލިފާން ބޯޅަތަކެވެ.

އިޒްރޭލުގެ ގޮނޑުދޮޑުގައި ތިބެ އަތްޖަހަމުން ދިޔަ މީހުންނަކީ ގާޒާގެ ރައްޔިތުންގެ ލެޔަށް ފެންބޮވައިގެންފައި ތިބި ނުލަފާ ޔަހޫދީންނެވެ.

އޮކްޓޯބަރު 7 ގެ ފަހުން ރެއަކީ، ގާޒާގެ ޖައްވުގެ ތެރެއިން ރަތްކަން ކަނޑައިގެން ނުދާ ރޭތަކުގެ ތެރެއިން ރެއެކެވެ. މުޅި ގާޒާ އަނދަމުން ދިޔަ ފަދަ ގޮތަކަށް ފެންނަމުން ދިޔަ އިރު، ރޭ އިޒްރޭލުން ދިން ހަމަލާތައް އަމާޒު ކޮށްފައި ވަނީ، މުޅި ގާޒާ ހިމެނޭހެން އުތުރާއި މެދާއި އަދި ދެކުނަށެވެ.

އެގޮތުން، ދެކުނު ބިތުގައި އޮންނަ ރަފާ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ ތަލް އަލް ސުލްތޯން އަވަށަށް ހަމަލާ ދީ އަވަށް އެއްކޮށް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އެ ހަމަލާތަކުގައި 15 މީހަކު ޝަހީދު ވެ ޒަހަމްވި މީހުންގެ އަދަދު 100 އިން މައްޗަށް ވަނީ އަރާފައެވެ.

ދެން ހަމަލާ ދިނީ، މެދުތެރެއިން ގާޒާ ސްޓްރިޕް ގެ އަލް ޒަވައިދާ އަވަށަށެވެ. އެއަވަށް ވެސް ކުނޑިކުނޑި ކޮށްލާފައި ވާއިރު 10 މީހަކު ވަނީ ޝަހީދު ވެފައެވެ. ހަމަ އެ ވަގުތުގެ ތެރޭގައި އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވެސް ރޭ ވަނީ އަނެއްކާ ހަމަލާ ދީ ބަޔަކު ޝަހީދު ކޮށްލާފައެވެ. މިއީ ޖަބަލިއާ ކޭމްޕަށް ގަސްދުގައި ބޮން އަޅާ 5 ވަނަ ފަހަރެވެ.

ގާޒާގެ އުތުރުން ކަރަންޓާއި ނެޓްވޯކްގެ ހިދުމަތްތައް ކެނޑިފައި ވުމުން، ރޭގެ ވަރުގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ސީދާ އަދަދުތައް ސާފެއް ނުވެއެވެ. ނަމަވެސް ރޭ ބޮން އަޅާފައިވާ ފުޅާ މިނަށް ބަލާއިރު ޝަހީދުވި މީހުންގެ އަދަދު މަދެއް ނުވާނެއެވެ.

ގާޒާގެ އިތުރުން މީހުން ފޭބުމަށް އިއްޔެ ހަވީރު 5 އާ ހަމައަށް ވަގުތުދީ ރޭ ދިން ހަމަލާތަކަކީ މިފަހުން ގާޒާއަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިއްޔެ މީހުން ފައިބައިގެން ދާން އެންގި ނަމަވެސް ދެވޭނެ ގޮތެއް ނެތުމާއެކު އެއްވެސް ބަޔަކު ގޮސްފައި ނުވާ ކަމަށް ހަބަރުތަކުން ބުނެއެވެ.

ރޭގެ ހަމަލާތަކުގައި އިޒްރޭލުން ހުސްކުރަން ހިފާފައިވާ ގާޒާގެ ބޭރުން ދެކުނު ބިތުގެ ތަންތަނަށް ވެސް ހަމަލާ ދީފައި ވާ އިރު، އިޒްރޭލުގެ އަމާޒަކީ ހަމައެކަނި ގާޒާ ނޫންކަމަށް މުރާސިލުން ބުނެއެވެ.

އެގޮތުން ރޭ ހުޅަނގު އައްސޭރީގެ ހެބްރޯން، ގަލްގީލިއާ، ނާބުލުސް، ޖެނީން، ތޫބާސް އަދި ޖަރޫ ސަލަމް އަށް އަރާ ތަންތަން ހަލާކު ކޮށް ބައެެއް މީހުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.

އިއްޔެ އާއި ރޭގެ ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވި މީހުންގެ އިތުރުން ހޮސްޕިޓަލްތަކަށް އަމާޒު ކޮށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެފައި ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެ ހަމަލާތަކުގައި ގާޒާގެ ރައްޔިތުން ބޭނުންކުރާ ވަގުތީ ފެން ތާނގީ ތަކުގެ 7 ތަނެއްވެސް ހަލާކު ކޮށްލާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ ތެރެއިން ދެތަނަކީ ރަފާގައި ހުންނަ ދެ ފެންވަޅެވެ. އަނެއް ތަނަކީ ގާޒާގައި އޮންނަ ފެންހޮޅިތަކެވެ. ދެން ހަލާކު ކޮށްލީ ރިޒާވް ފެން ތާނގީތަކެވެ.

އދ އިދާރާއިން ބުނީ، އެއް ހަނގުރާމައެއްގައި މިހާތަަނަށް އެ އެޖެންސީގެ އެންމެ ގިނަ މުވައްޒަފުން މަރުވި ހަނގުރާމަ އަކީ މިއީ ކަމަށާއި މިހާތަނަށް 88 މުވައްޒަފުން މަރުވެއްޖެ ކަމަށެވެ.